އިޓާލިއަން ލިގުގައި ރޭ މޮޅުވާންދިޔަ އުދިނޭޒީ ކޮޅަށް ފަހުވަގުތު ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން ކާމިޔާބުކުރެވުނު ލަނޑާއެކު ވަރުގަދަ މިލާން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައިވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެހެންނަމަވެސް ދެވަނަ ހާފުގައި، މެޗުގެ 68 ވަނަ މިނެޓުގައި އުދިނޭޒީން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑުނަގާފައެވެ. މިލަނޑު ލިބުނު ކޯނަރަކުން ރިޑްރިގޯ ޑީ ޕައުލް ނަގައިދިން ހުރަސް ގޯލްގެ ތެރެއަސް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ބެކާއޯއެވެ.

މެޗުގައި މިލާން ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ކުޅުނު އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ފްރޭންކް ކެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭރިއާ ތެރެއިން އުދިނޭޒީގެ ޔެންސް ސްޓްރައިގާ ލާސެންގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

ރޭގެމެޗު އެއްވަރުވުމުން މިލާނަށްވަނީ ތާވަލުގެ އެއްވަނައިގައި އޮތް އިންޓަރ އާއި ދެމެދުއޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެގޮތުން އިންޓަރ ތާވަލުގެ އެއްވަނައިގައި އޮތީ 24 މެޗުން 56 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި މިލާން އޮތީ އިތުރަށް އެއްމެޗު ކުޅެގެން ލިބުނު 53 ޕޮއިންޓާއިއެކުއެވެ. މިލާނާ އެއްވަރުކުރި އުދިނޭޒީ އޮތީ ތާވަލުގެ 11 ވަނައިގައި 25 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.