ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމު ނުވަތަ "ޓޮޕް 3" ޓީމު ކަމަށްވާ ލިލް، ޕީއެސްޖީ އަދި ލިޔޯންވެސް ބުދަދުވަހުގެ ރޭ ލީގުގައި ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

އެގޮތުން ރަށުން ބޭރުގައި ޕީއެސްޖީ އާއި ބޯޑޯ ބައްދަލުކުރި މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީއަށް މޮޅުވީ 0-1 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ޕީއެސްޖީގެ ޕަބްލޯ ސަރާބިއާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް ހަމަ އެހާފުގެ 20 ވަނަ މިނެޓުގައި ސަރާބިއާ ވަނީ ޕީއެސްޖީއަށް ލަނޑެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ އިދްރީސާ ގާނާ ގޭ ދިން ޕާހަކުން ސަރާބިއާ ކާމިޔާބުކުރި ލަނޑެކެވެ.

މިމޮޅާއެކުވެސް ޕީއެސްޖީއަށް ތާވަލުގެ ތިންވަނަ ލިބެނީ ކުޅުނު 28 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ބޯޑޯ އޮތީ ތާވަލުގެ 15 ވަނައިގައި 28 މެޗުން 33 ޕޮއިންޓާއެކުއެވެ.

ލިލް އާއި މާސޭ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އެމްބީ

މީގެއިތުރުން ތާވަލުގެ އެއްވަނައިގައި އޮތް ލިލް، މާސޭގެ މައްޗަށް ކުރިހޯދީ މެޗުގެ އެންމެ ފަހުވަގުތުކޮޅުގައި ކާމިޔާބުކުރި ދެލަނޑާއި އެކުގައެވެ. މި ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ޑޭވިޑް އެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހުމިނެޓުގައި އެޓީމުން އުފެއްދި ހަމަލާއެއް މާސޭގެ ކީޕަރަށް ރަނގަޅަށް ދިފާއުނުކުރެވި އަތުން ދޫވި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ޑޭވިޑް ކާމިޔާބުކުރިއިރު ދެވަނަ ލަނޑު އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޑޭވިޑް ކާމިޔާބުކުރީ ޖޮނަތަން އިކޯން ދިން ޕާހެއްހެ އެހީގައެވެ.

ރޭގެ މޮޅާއެކު ލިލް ތާވަލުގެ އެއްވަނައިގައި އޮތީ 28 މެޗުން 62 ޕޮއިންޓު ހޯދައިގެންނެވެ. މާސޭ އަށްވަނައިގައި އޮތީ 28 މެޗުން 39 ޕޮއިންޓު ހޯދައިގެންނެވެ.

ލިޔޯން އާއި ރެނެސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ޕްރޮނޮސްޓިކޮސް ފުޓްބޯލް

އަދި ތާވަލުގެ ތިންވަނައިގައި އޮތް ލިޔޯން ރެނެސް އަތުން މޮޅުވީ ދެވަނަ ހާފުގައި މެޗުގެ 74 ވަނަ މިނެޓުގައި މެމްފިސް ޑީޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގެ ފައިދާ ނަގައިގެން ހުސެމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ލިޔޯން ތާވަލުގެ ތިންވަނައިގައި އޮތީ 28 މެޗުން 59 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ރެނެސް 10 ވަނައިގައި އޮތީ އެއްމެޗު މަދުންކުޅެ ލިބުނު 38 ޕޮއިންޓާ އެކުގައެވެ.