މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ނޫސްވެރިކަމުގެ އިނާމު ދިނުމަށް އެކި ދާއިރާތައް އެމްއެމްސީން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މިއަހަރު ކަނޑައަޅާފައިހުރި ދާއިރާތަކުގެ ތެރޭގައި:

  • ތަހުޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
  • ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
  • ސިޔާސީ
  • ޝަރުއީ އަދި ޤާނޫނީ
  • ވިޔަފާރިއާއި އިޤުތިޞާދު
  • ކުޅިވަރު
  • ފޮޓޯ ޖާރނަލިޒަމް
  • ވީޑިއޯ ޖާރނަލިޒަމް
  • އޯޑިއޯ ޖާރނަލިޒަމް
  • ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  • ފީޗަރ / ރިޕޯޓް
  • އެންމެ އުންމީދީ ނޫސްވެރިޔާ

އެމްއެމްސީން ބުނީ މިއިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށެވެ.

މި ދެ ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު މިހާރު އާންމުކޮށްފައި ވާނެކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

އެހެންކަމުން މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މާރޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެމްއެމްސީއަށް ފޯމު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލްގެ ނަންބަރު 3003995 / 7967919 ފޯނުން ލިބޭނެކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.