"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ. ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"
**
(25 ފެބްރުއަރީ 2021 އާ ގުޅޭ)
ހަލީމަ މިޚަބަރު ފުރަތަމަ ދިނީ ޚަދީޖާ އަށެވެ. ޚަދީޖާގެ މަޝްވަރާގެ މަތިން ދަރިންނާ ވާހަކަ ދައްކާ ހުރިހާ ކުދިންވެސް މިކަމާ ޤަބޫލުކަން އެނގުމުން ޖެހިގެން އައި ދުވަހު ހަވީރުވުމުގެ ކުރިން އިބުރާހިމަށް އެކަން އަންގައިފިއެވެ. އިބުރާހިމު ހާސް ވާވަރުން ދަރިން ގާތު އެވާހަކަ ދައްކަން ޖެހިލުން ވެފައި ހުއްޓާ، އިބުރާހިމުގެ އެންމެ ދޮށީ އަންހެން ދަރިފުޅު ކައިރީ ޚަދީޖާ މިވާހަކަ ބުނެފިއެވެ. އަދި ބައްޕައަށް އެވާހަކަ ދައްކަން ނުކެރިގެން އުޅެނީ ކަމަށާއި ތިޔަ ކުދިން އެކައިވެންޏާ ރުހި ޤަބޫލު ކަމުގައި ވާނަމަ އެކަން ބައްޕައަށް އަންގައި ދިނުމަށް ވެސް ޚަދީޖާ އެދުނެވެ.
ކޮންމެ ހުކުރު ދުވަހަކު މެންދުރު ކެއުން އިބުރާހިމުގެ ހުރިހާ ދަރިންވެސް ކަނީ ބައްޕަޔާ އެކުގައެވެ. މިއަދު އެހެން ދުވަސްތަކާ ޚިލާފުކަން ކާތަށި މަތިން ފެނެއެވެ. ތަފާތު ވައްތަރުގެ ރިހަތަކާ ސަޓަންޏެވެ. އިބުރާހިމަށް އެންމެ މީރު ކެއުން ކަމުގައިވާ ކިރާއި ދިޔާ ހަކުރާއި ފިހުނުމަސް ވެސް ހުއްޓެވެ. ކެއުމުގެ ތެރޭގައިވެސް މިއަދު މިހާ ގިނަ ކާއެއްޗެހި ހެދީ ކީއްވެތޯ އިބުރާހިމު ސުވާލުކުރިއެވެ. ހުރިހާ ދަރިންވެސް ބުނީ ބައްޕައަށް ލިބުނު އަނިޔާއާއި ބަލިން ސަލާމަތް ވީތީ އުފަލުގައި މީރުކޮށް ކާލަނީ ކަމުގައެވެ.
ކައިނިމުނުތަނާ ކުއްލިއަކަށް ވަރަށްބޮޑު ކޭކެއް ގެނެސްފިއެވެ. އިބުރާހިމު ސުވާލު ކުރަން އަނގަ ހުޅުވާލިތަނުން އެންމެ ދޮށީ ފިރިހެން ދަރިފުޅު ވާހަކަ ދައްކަން ފަށައިފިއެވެ.
"ދެން މިއަދު ވާހަކަ ދައްކާނީ އަޅުގަޑުމެން. ބައްޕަ އެތަކެއް ދުވަސްވީ ފަހުން ފޮރުވާފައިއޮތް ސިއްރު ބައްޕަގެ އަލަތު ލޯބިވެރިޔާ، ހަލީމާ ދައްތައާ އިންނަން އަހަރެމެން ހުރިހާ ކުދިން ރުހި ގަބޫލުކަން އުފަލާއެކު ބުނަން، މިކޭކަކީ އަދި މިކެއުމަކީ އެ އުފާ"
އެންމެންގެ ހޫނު އަތްތަލަ ބަޑިއާއެކު ފޮޓޯ ނަގާ ފުއްޕާހަން ފަޅާ ހެދިއެވެ.
މިއަދު އިރު އޮއްސެމުން ދިޔައިރު އިހަވަންދޫގެ ތުނޑި މައްޗަށް ވެރިވެފައިހިމޭން ކަމުގައި ހަލީމައާއި އިބުރާހިމު ތިބިއިރު ރަޖަބު މަހުގެ ތޭރަ ވިލޭރޭގެ ހަނދުވެސް ހުރީ ފެނުން ތޮޅިލައިފައެވެ. ދެ މީހުންގެ މޫނުމަތިން ވެސް އުފާވެރިކަން ކަނޑައިގެނެއް ނުދެއެވެ. ހިނިތުން ވުމެއް ނުފޮހެވެއެވެ. އާރުކާޓި ޚަދީޖާވެސް ހަޔެއްކަ ފޫޓު ދުރުގައި އިނެވެ. އަދިވެސް އެންމެނަށް މިގުޅުން އަންގަން ބޭނުން ނުވާތީއެވެ.
ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރަޖަބު މަހުގެ ހަތާވީސް ވާ ހޯމަ ވިލޭރޭ ހަތެއް ޖަހާއިރު އެވެ. ހަލީމަގެ ގޭގައެވެ. ވަގުތާއި ސާއަތް ކަނޑައެޅީ އިބުރާހިމެވެ. މިކަމަށްޓަކައި މިހާރު ވަރަށް ސިއްރު ސިއްރުން ދަނީ ތައްޔާރު ވަމުންނެވެ. ދެ އާއިލާގެ މީހުން ފިޔަވާ ރަށުގެ އެހެން މީހުންނަށް ނާންގާ ވޭތޯ ދިޔައީ ބަލަމުންނެވެ.
ކައިވެނި ކުރަން ހަފުތާއަކަށް ވެފައި ވަނިކޮށް ބުޅާ ގޯނިން ބޭރުވެ ކައިވެނީގެ އަޑު ރަށުތެރޭގައި ގުގުމާލައިފިއެވެ. ހަލީމައާ ކައިވެނި ކުރަން ބޭނުންވެގެން އުޅުނު ބައެއް މީހުންނަށް މިކަންވީ ހިތި ޒަހަރަކަށެވެ. ކުދިކިޔައި، އިބުރާހިމާ ޒާތީގޮތުން ދިމާކޮށް ވެސް ހެދިއެވެ. ނަމަވެސް ޒުވާން ބެރު ގުރޫޕުގެ ކުދިން އިބުރާހިމުގެ ދިފާޢުގައި ތެދުވެ ހުރިހާ ވާހަކައެއް އޮއްބާލައި މިކައިވެންޏަކީ ކުލަގަދަ އުފާވެރި ކައިވެންޏަކަށް ހެދުމަށް ތިބީ ފޫގަޅާފައެވެ.
އިބުރާހިމަށް މިހާރު ކޮންމެ މިނެޓެއް އެއް ގަޑިއިރު ފަދައެވެ. އެއީ ކައިވެނި ކުރަން ބޭނުން ވެފައި ހުރިލެއް ބޮޑު ކަމުންނެވެ. ހަލީމަ ގޭގެ ކޮޓަރި ވެސް ކުލަލާ ޒީނަތްތެރި ކުރުމުގައި ހަލީމަގެ ކުދިން އަވަދިނެތި އުޅެއެވެ. އިބުރާހިމު ވެސް މަސައްކަތުގައި ބައިވެރި ވެއެވެ. އަލަމާރިއާއި އެނދުވެސް އާކޮށްފިއެވެ. ކައިވެނީގެ ހެދުމެއްގެ ގޮތުގައި އިބުރާހިމު ލުމަށް ނިންމީ ފަޓުލޫނަކާއި އަތްކުރު ރަތްކުލައިގެ ގަމީހެކެވެ. ފަޓުލޫނު ލާން ނިންމީ ބެރު ގްރޫޕްގެ އެދުމުގެ މަތިންނެވެ. ހަލީމަ އަޅާނެ ހެދުމަކާއި މެދު ޚަދީޖާގެ ޚިޔާލު ހޯދިއެވެ. ކަޅު ކަނޑިއްކަކާ ވަޅުފެހިކުލައިގެ ކަސަބު ބޯވަޅުއެޅި ލިބާހަކާ ލޭރަތްކުލައިގެ ބުރުގާ އެކެވެ. މަންމަ ފަރާތުން ވާރުތަވީ ރަން ފައްޓަރުބައި ވެސް އެޅުމަށް ހަލީމަ ހުރީ ޚިޔާލު ކޮށްގެންނެވެ.
އާދީއްތަ ދުވަހު އަސުރުން ފޭބި ތަނުން ބެރު ގްރޫޕް ކުދިން އައިސް އިބުރާހިމު ގޮވައިގެން ފަޅު ގޯއްޗަކަށް ގޮސް ތުންބުޅިއާއި މަތިމަސް ބާލައިފިއެވެ. ފުރަތަމަ ނުރުހުން ވިއަސް ފަހުން އެއްބަސް ވިއެވެ. ޒަމާނީ ގޮތަކަށް ބޯވެސް ކޮށައިފިއެވެ. އަދި މޫދަށް ގެންގޮސް ވެލި މޮޑެ ވަރަށް ވަރުގަދަޔަށް ފެން ވަރުވައިފިއެވެ. މިހުރިހާ ސަކަރާތެއް ޖަހަމުން ދިޔައިރު ވެސް ނުރުހުންވެ ރުޅިއައިސް ގެން އިބުރާހިމެއް ނޫޅެއެވެ.
"މިއަދު ޖެހޭނެ ވަރަށް ރަނގަޅަށް އިބުރާހިމަށް ކާން ދޭން" އެއްކުއްޖަކު ބުންޏެވެ.
ލައްޓި ހަސަނު ބުންޏެވެ. "ކާން ދިނަކަސް ނުފުދޭނެ ވަރު ޖެހޭވަރަށް ލުނބޯހުތުފަނި ބޯންދޭނީ،" ކުރިން ވާހަކަ ދެއްކި ކުއްޖާ ބުންޏެވެ. މިހާރު ބޯންދޭނީ ލުބޯހުތު ފަންޏެއްނޫން..... އެނަޖީ ޑްރިންކް... " އެންމެން އެއްފަހަރާ ހީނގަތެވެ.
ހޯމަ ވިލޭރެއަށް އިރުއޮއްސިއްޖެއެވެ. އިހަވަންދޫ ކާނިމާގެ މިރޭ ހީވަނީ ކާނިވަލެއް ހެންނެވެ. ކުލަ ބޮކިލާ ޒީނަތްތެރިކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ.
ހަތެއްޖެހުމާއެކު ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ. ދެމީހުންގެ މޫނު މަތިން ވެސް ފެންނަނީ ނާވަސްކަމާ ކަންބޮޑުވުމެވެ. ހީވަނީ އަލަތު ކައިވެންޏަށް ދެމީހުންވެސް އިށީދެ ތިބިހެންނެވެ. ގުޑިވެސް ނުލައި އިސްދަށަށް ޖަހައިގެން ކައިވެނީގެ ޚުޠުބާ އަޑުއަހަން ތިބީ ފުންނޭވާއެއް ލަމުންނެވެ. ދެފަރާތުގެ އާއިލާގެ މީހުންގެ ކުރިމަތީގައި އިހަވަންދޫ ނޫރާނީގޭ އިބްރާހީމް ހަސަން، އިހަވަންދޫ ކާނިމާގޭ ހަލީމާ ޢަލީއާ ކައިވެނި ކޮށްފިއެވެ.
ރަށުގެ ހުރިހާ ރައްޔިތުންނަށް ކައިވެނީގެ ކެއުމަށް ދައުވަތު ދީފައިވަނީ އިޝާ ނަމާދަށް ފަހުގައެވެ. ކައިވެނީގެ މަޖިލީހަށްފަހު އިބުރާހިމު ވެސް ދިޔައީ އިޝާ ނަމާދަށެވެ. ކެއުމުގެ ހަފުލާ ފެށިގެން މެހެމާނުން އަންނަމުން ދިޔައިރު ވެސް އިބުރާހިމު އެތަނަކަށް ނާދެއެވެ. އިބުރާހިމު ނެތިގެން ހަލީމަ ކަންބޮޑުވެގެން ފޯނުން ގުޅައިގެން ވެސް އިބުރާހިމުގެ ފޯނު ނިވާލާފައި އޮތުމުން ގުޅޭގޮތެއް ނުވިއެވެ. ދެފަރާތުގެ އާއިލާ މީހުންވެސް އިބުރާހިމު ފެނޭތޯ ރަށުތެރެ ހޯދަން ފަށައިފިއެވެ. އެކަމަކު ރައްޔިތުންނަށް ނާންގާ މަޑުމަޑުން ހޯދަން ފެށީއެވެ. ސަބަބަކީ ކައިވެނި ހަފުލާ ޚަރާބުވެ ފެނަށް ވެދާނެ ކަމުގެ ބިރަށެވެ.
މިހާރު ގަޑިން ނުވައެއް ޖަހައިފިއެވެ. އިބުރާހިމުގެ ޚަބަރެއް ނުވެއެވެ. އިބުރާހިމުގެ ދޮށީ ފިރިހެން ދަރިފުޅު ރައްޔިތުންނަށް ގޮވުމަށް ރަށު ކައުންސިލްގެ ރައީސަށް ފޯނުން ގުޅައިފިއެވެ. ރައީސް ބުނުއްވީ ތިކަމާ އެބަ އުޅެން ކަމަށެވެ. އެންމެ ބޮޑަށް ހާސްވެގެން އުޅެނީ ހަލީމައެވެ. އެއްތަނެއްގައި ހިމޭނަކުން ނުހުރެވެއެވެ. ކައިވެނި ޕާޓީއަށް އައިސް ތިބި އެންމެންހެން އިބުރާހިމު ނުފެނިގެން ސުވާލުކުރަނީ ހަލީމައާއެވެ. އިބުރާހިމު ގެއްލިގެން އުޅޭވާހަކަ ނުބުނެ ކޮންވެސް ބަހަނާއަކުން ހަލީމަ ފުއްދާލައެވެ. ހަލީމާ ހާސްވެގެން އުޅޭތީ ޚަދީޖާވެސް ހަލީމަ ކައިރިން ދުރަކަށް ނުދެއެވެ.
ނުވައެއްޖަހާ ކުޑައިރު ކޮޅެއް ވީތަނާ ބެރު ގުރޫޕު މީހުން މިހަފުލާއަށް އަތުވެއްޖެއެވެ. އެމީހުން އައީ ބެރުޖަހާ ނަށަމުންނެވެ. ވީލް ބަރޯއެއްގައި ބޮޑު ޕާރުސަލެއް ވެސް ހިފައިގެން ނެވެ. މިއަޑަށް ހަލީމަވެސް ދޮރު މައްޗަށް ނުކުތެވެ. ކައުންސިލްގެ ރައީސަކީ ބެރު ގުރޫޕުގެ އިސް މީހެކެވެ.
ހަލީމަ ފެންކަޅިވެފައި ހުރެ ކައުންސިލް ރައީސްގެ ކައިރިން އެދުނީ އިބުރާހިމު ހޯދައި ދިނުމަށެވެ. ބަރޯގައި ގެނައި ބޮޑުހަދިޔާ ގޭތެރޭގައި ބެހެއްޓި ތަނުން ކުއްލިއަކަށް ހަދިޔާ ފޮށިގަނޑު ފަޅާލައިފާ ނުކުތީ އިބުރާހިމެވެ. ހަލީމައަށް ލިބުނު ހައިރާންކަމާއި ލިބުނު އުފަލުން އިބުރާހިމުގެ ގައިގައި އޮޅުލައިގަނެވުނެވެ. މިވަގުތު އެންމެންގެ ހަޅޭކުގެ އަޑާ ސާބަހުގެ އަތްތިލަ ބަޑީގެ އަޑުން، ލަދުން އަވަހަށް އިބުރާހިމުގެ ގައިން ދޫކޮށް ލައިފިއެވެ.
ކައިވެނީގެ ހަފުލާ ނިމި ލިބުނު ހަދިޔާތައް ކަނޑައި އާއިލާ މީހުންނަށް ހަދިޔާ ބަހައި ހަދައިފިއެވެ. އޭރު ގަޑިން ބާރަޖަހައިފިއެވެ. ގުގުރާ ވިދަން ވެސް ފަށައިފިއެވެ. އިސާހިތަކު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.
ހަލީމައާއި އިބުރާހިމުގެ މާމުއި ހަނދުގެ ފުރަތަމަ ރޭ މިވީ ފިނި ރެއަކަށެވެ. ދެމީހުން ވެސް ނިދުމަށްޓަކައި ކޮޓަރިއަށް ވަދެއްޖެއެވެ. ނިދާ ހެދުން އެޅުމަށް ފަހު އެނދުގައި އޮށޯވެއްޖެއެވެ. އެނދުކައިރީގައި ހުރި ސްވިޗުން ނިދާ ބޮތްކަށް އަލި ބަދަލު ކޮށްލައިފިއެވެ.
[އަހަރެންގެ ހުވަފެން ހަގީގަތަކަށްވެއްޖެ. މިހާރު މިފެންނަނީ ހޭލާ ހުއްޓާ އަހަރެން އެންމެ ލޯބިވި މީހާ އަހަރެންގެ ދިރިއުޅުމުގެ ބައިވެރިއަކަށް ވީތަން.] ހަލީމަގެ އަތުގައި ހިފައި އިބުރާހިމާއި ގާތް ކޮށްލިއެވެ. ސިއްރު ސިއްރުން ކަންފަތް ދޮށުގައި ބުނެލިއެވެ. [ދުވަހަކުވެސް އަހަރެން ހަލީމަ ދުލެއް ނުކުރާނަށް މުޅި އުމުރު ހޭދަ ކުރާނީ ހަލީމައާ އެކު....... ލޯބިވާ ހަލީމާ ........] ހަލީމަ ވެސް އިބުރާހިމާއި ގާތްވެލައި ބޮނޑިވެލިއެވެ. (ނިމުނީ)
ވާހަކަ ފަށައިގެން ނިމެންދެން ފޫހިކަމެއްނެތި ކިޔާލައިފިން. ވަރަށް ރީތި. ޝުކުރިއްޔާ ވީނިއުސް އަދި ޝިޔާމް
ވަރަށް ރީތި ވަރަށް ލޯބީގެ އަސަރުން ފުރިފައިވާ ވާހަކައެއް. އަންނަ ހަފްތާގަ ދެން ފަށާ ވާހަކައަކީވެސް މިފަދަ ވާހަކައަކަށް ވާނެ ކަމުގަ ވަރަށް އުއްމީދު ކުރަން. ޝުކުރިއްްޔާ ލިޔުންތެރިޔާ ޝިޔާމް