ކޮަރަޕްޝަނަށް މަގުފަހިވާ ފަދަ ގަވާއިދެއް ނުވަތަ އުސޫލެއްވިޔަސް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މިއަހާރުގެ މެނޭޖްމަންޓުން ހަދާފައި ނުވާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައި މިވަނީ، އެކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ބުނެފައިވާ ވަގުތެއްގައެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، އެކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ޙަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރަމުންދާ ސިލްސިލާ ފިނޑި އަމަލުތަކުގެތެރެއިން ކަމެއް ކަމުގައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު، އެކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ޙަވާލުވުމަށްފަހު، ފެނަކައިން ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަން ރައްޔިތުންނަށް ޔަޤީންކޮށްދޭ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އަދި އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ގައިމްކޮށް އަމަލުކުރަމުންދާކަމުގައިވެސް ފެނަކައިން ބުނެފައިވެއެވެ.

މީގެއިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގަވާއިދެއް ނުވަތަ އުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާނެކަމަށާއި، މާޒީގައި އެކުލަވާލާފައިވާ އެފަދަ ޤަވާއިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ފެނަކައިގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ އަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ އެކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ހިތާމަކުރާ ކަމެެއްކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްޞީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާކޮށް، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މައުލޫމާތު އާންމު ކުރުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ފެނަކައިން އިލްތިމާސް ކޮށްފައިވެއެވެ.