ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ދޫކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރަން ބޭނުންވާ ވިޔަފާރިތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށްވެސް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑްއަކަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެމިނިސްޓްރީންނާއި ބީއެމްއެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބެލޭނެ ކަމަށްވެސް ފިނޭންސް މިނިސްްރީން ބުނެފައިވެއެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަވުމުގެ 30 ދުވަސް ކުރިން ބީއެމްއެލްއަށް އީމެއިލް މެދުވެރިކޮށް އަންގަން ޖެހެއެެވެ.
އަދި ލޯން ސްކީމްގެ ދަށުން ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި، ނުވަތަ 30 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ވެފައިވާނަމަ، އަންނަ މަހުގެ އެއްވަަނަ ދުވަހުގެ ކުރިން ބީއެމްއެލްއަށް އަންގަންޖެހެއެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދި [email protected] މި އެޑްރެސްއަށް އީމެއިލް ކުރުމަށްވެސް ފިނޭންސް މިނިސްޓްރީން އަންގަފައިވެއެެވެ.
މި ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މިދަނޑިވަޅުން އިގުތިސާދު އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަށާފައިވާ ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ ފިނޭންސް މިނިސްޓްރީގެ މަގުސަދުކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.