ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާންމުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަމަހައްޓަން ނިންމައިފިއެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުނު ގާރާރެއްގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އެޕްރީލް 4 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި އެކަން އިއުލާން ކުރައްވާ ކަމަށެވެ.

މިފަދައިން ނިންމެވީ ރާއްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އޮތުމާއެކު، ރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެއްވޭ ކަމަށް ލަފާދެއްވާފައިވާތީ ކަމަށް ގަރާރުގައި ވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން އިތުރުވަމުން އައުމާގުޅިގެން، ގާނޫނު ނަންބަރު 2012/7، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިޢްލާން ކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ މާޗްމަހުގެ 12 ވަނަ ދުވަހުއެވެ.

އޭގެފަހުން، ރާއްޖޭގައި އިޢްލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މީގެކުރިން 11 ފަހަރެއްގެމަތިން އިތުރުކޮށްފައި ވެއެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ވެރިރަށް މާލެއިން ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 20،280 އަށް އަރާފައެވެ.