ކޮވިޑް ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުން، ފަޅުރަށެއްގައި ވަޅުލާން ސްރީލަންކާ ސަރުކާރުން ނިންމުމުން އަނެއްކާވެސް މައްސަލަ ހޫނުވެ، މުސްލިމުން ދެކޮޅުވެރިކަން ފާޅުކުރަން ފަށައިފިއެވެ.

ކޮވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް، ސްރީލަންކާގެ އުތުރުގެ އައްސޭރިފަށުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އިރަނައިޓިވޫގައި ވަޅުލާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން އަންގާރަދުވަހުވަނީ ހާމަކޮށްފައެވެ. އެ ރަށަކީ އެއް އަކަ ކިލޯމީޓަރުގެ ކުޑަ ފަޅުރަށެކެވެ.

މިކަމާ ދެކޮޅަށް މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދާއިރު، ސްރީލަންކާގެ މުސްލިމް ލީޑަރުންވެސް ސަރުކާރުގެ ނިންމުމާ ދެކޮޅަށް އަޑުއުފުއްލަވަމުން އެބަގެންދަވައެވެ.

ސްރީލަންކާ މުސްލިމުންގެ އެންމެބޮޑު ޕާޓީ ކަމަށްވާ ސްރީލަންކާ މުސްލިމް ކޮންގްރެސްއިން ބުނެފައިވަނީ، މުސްލިމް އާއިލާތަކުން ބޭނުންވަނީ، ކޮވިޑްބަލީގައި މަރުވާ އެމީހުންގެ ލޯބިވާ މީހުންގެ ހަށިތައް، މިހާރުވެސް މުސްލިމުން ވަޅުލާ ގަބުރުސްތާނުތަކުގައި ވަޅުލުމަށް ކަމަށެވެ.

"ފަޅުރަށެއްގައި މުސްލިމުންގެ ހަށިތައް ވަޅުލާން ނިންމި ނިންމުމަކީ މުސްލިމުންނަށް ކުރާ ފުރައްސާރައެއް. މިއީ، ގަބޫލުކުރެވޭނެ ކަމެއްނޫން"
ސްރީލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރ ރައޫފް ހަކީމް

ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ފަޅުރަށެއްގައި ވަޅުލާން ސްރީލަންކާ ސަރުކާރުން ނިންމި ނަމަވެސް، އެކަމުގެ އުސޫލު އަދި ރަސްމީގޮތުން އިއުލާނެއް ނުކުރެއެވެ.

ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދަން ފެށުމަށްފަހު، މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ހުއްދަދޭން ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

މިކަމަށް ހުއްދަދޭން ސަރުކާރުން ނިންމީ، މުސްލިމުންގެ ހަށިތައް އަންދަން ނިންމި މައްސަލާގައި ސްރީލަންކާގެ މުސްލިމުންނާއި، އިސްލާމީ އެތައް ގައުމެއްގެ ދެކޮޅުހެދުންތަކާ ކުރިމަތިވުމަށް ފަހުގައެވެ.

ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ސްރީލަންކާއިން، ކޮވިޑްބަލީގައި މަރުވާ މީހުންނާއި އަދި ކޮވިޑްކަމަށް ޝައްކުކުރެވޭ ބައްޔެއްގައިވިޔަސް، މަރުވާ މީހުން އަންދަން ލާޒިމްކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލައިފިނަމަ ބިމުގެ ފެންފަށަލަ ކޮވިޑް ވައިރަހުން ތަޣައްޔަރު ވެދާނެތީއެވެ.

އެހެން ނަމަވެސް، ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލެވިދާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގައިޑްލައިނެއްވެސް ކަނޑައަޅާފައި ވެއެވެ.

މިމައްސަލައިގެ ކަންބޮޑުވުން އދއާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ސްރީލަންކާ ސަރުކާރަށް ހުށަހެޅިއިރު، ކޮވިޑްބަލީގައި މަރުވާ މީހުންގެ ހަށިތައް އެންދިދާނެ ކަމަށް އަދި ވަޅުވެސް ލެވިދާނެކަމަށް ސްރީލަންކާގެ މެޑިކަލް ޑޮކްޓަރުންގެ ގްރޫޕްތަކުންވެސް ސަރުކާރަށް ހުށަހެޅިއެވެ.

ނަމަވެސް، އެއިން އެއްވެސް ވާހަކައެއް އަޑުނާހައި، ސްރީލަންކާ ސަރުކާރުންވަނީ، އާއިލާތަކުގެ ދެކޮޅުހެދުންތަކާ އެކުވެސް 18 މުސްލިމެއްގެ ހަށިގަނޑު އަންދާލާފައެވެ.

މައްސަލަ ހޫނުވެ، ޕްރެޝަރ ބޮޑުވެގެން، ފަހުންވަނީ ވަކިގޮތެއް ނިންމެންދެން މުސްލިމުންގެ ހަށިތައް އެންދުން ވަގުތީގޮތުން ހުއްޓާލާފައެވެ.

ކޮވިޑްބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ފަޅުރަށެއްގައި ވަޅުލާން ނިންމިކަން ސްރީލަންކާ ސަރުކާރުން ހާމަކުރީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، މިދިޔަ ހަފްތާގައި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.

އެ ދަތުރުފުޅުގައި، މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލުމަކީ ދީނީގޮތުން ކުރަންޖެހޭ، އަދި މުސްލިމުންނަށް ލިބިގެންވާ ހައްގެއް ކަމެއް ކަމަށާއި، އެކަމަށް އިހްތިރާމް ކުރުމަށް ސްރީލަންކާ ސަރުކާރުގައި އިމްރާން ޚާން ދަންނަވާފައި ވެއެވެ.

އަނެއްކޮޅުން، އިރަނައިޓިވޫއާ ގާތުގައި އޮންނަ ސްރީލަންކާގެ ރަށެއް ކަމަށްވާ ކިލިނޮއްޗީގައި އިއްޔެ ވަރުގަދަ މުޒާހަރާއެއްވެސް ބާއްވާފައި ވެއެވެ. އެ މުޒާހަރާގައި ސްރީލަންކާގެ ތަމަޅައިންގެ އިތުރުން، ކެތޮލިކް ފާދިރީންވެސް ބައިވެރިވިއެވެ.

މުޒާހަރާކުރި މީހުން ގޮވަމުންދިޔައީ، ކޮވިޑްބަލީގައި މަރުވާ މީހުންގެ ގަބުރުސްތާނަކަށް އިރަނައިޓިވޫ ހަދައިގެން ނުވާނޭ ކަމަށެވެ.