ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގައި ކޮރަޕްޝަނަށް މަގުފަހިވުމަށް އޮންނަ ރިސްކު ކުޑަކުރުމަށް އަމަލުކުރެވިދާނެ ގައިޑްލައިނެއް އެކުލަވާލުމަށް ސަރުކާރަށް ލަފާ ދީފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގައި ކޮރަޕްޝަނަށް އޮންނަ ރިސްކު އެސެސްކުރުމަށްފަހު އާންމުކުރި ރިޕޯޓާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، މިފަހަރު އާންމުކުރި ރިސްކު އެސެސްމެންޓުގެ ރިޕޯޓު އެކުލަވާލުމުގައި ބަލާފައިވާނީ 2017 ،2018 އަދި 2019 ވަނަ އަހަރު ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާއި، ބިން ހިއްކުމާއި މަގުހެދުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 2017 އަދި 2018 ވަނަ އަހަރު ހިންގާފައިވާ މަޝްރޫއުތަކުގެ އިތުރުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 2019 ވަނަ އަހަރު 1 މިލިއަން ރުފިޔާއަށް ވުރެ މަތިން ބަޖެޓް ކޮށްފައިވާ 5 މަޝްރޫޢަކަށް ކަމަށެވެ.

އޭސީސީން ބުނީ މިދިރާސާގެ މައިގަނޑު މަގުސަދަކީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކަނޑައެޅުމުގައާއި، ބިޑިންގ ޕްރޮސެސްގެ އިތުރުން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގަނެ، އެފަދަހިރާސްތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ލަފާދިނުން ކަމަށެވެ.

މީގެއިތުރުން، މަޝްރޫޢުތައް ކުރިޔަށް ނުދިއުމާއި ،ހުއްޓުމާއި، ފެންވަރުދަށްވުމުގެ އިތުރުން މަސައްކަތް ހަވާލުކުރެވޭ ގޮތާއި ހުންނަ ގުޅުން ދެނެގަނެ، މަޝްރޫޢުތައް ޕްލޭންކުރުމާއި، މަޝްރޫޢު އަމާޒުކުރެވޭ ފަރާތްތައް ކަނޑައެޅުމާއި ބަޖެޓު ކަނޑައެޅުމުގެ އިތުރުން، މަސައްކަތުގައި ހިނގާ އިތުރު ކަންކަމުގައި ކޮރަޕްޝަން ރިސްކަށް މަގުފަހިވާކަން ދެނެގަތުމާއެކު، އެކަންކަން ހައްލުކުރުމަށް ލަފާދިނުން ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ މި ދިރާސާގެ ނަތީޖާއިން ފާހަގަކޮށްލެވުނު އެންމެ މުހިންމު ކަމަކީ، މަޝްރޫޢުގެ މަސައްކަތް ފެށުމަށްފަހު މަޝްރޫޢުގެ ސްކޯޕަށް އުނިއިތުރު ގެންނަން ޖެހުމުގެ ސަބަބުން، މަޝްރޫޢުގެ އަގަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައިވާކަން ކަމުގައެވެ.

މިގޮތަށް ކަން ވާން ޖެހެނީ، މަޝްރޫޢު ފެށުމުގެ ކުރިން މަޝްރޫއާ ގުޅޭ ނީޑް އެސެސްމެންޓެއް ނުވަތަ ޕޮލިސީ ނީޑެއް ނުހެދޭތީ ކަމަށް އޭސީސީން ފާހަގަ ކުރެއެވެ.

ޕޮލިސީ ނީޑެއްނެތި ހަމައެކަނި އިންތިޚާބީ ވަޢުދުތަކުގެ މައްޗަށް ބަރޯސާވެގެން ފެށޭ މަޝްރޫޢުތަކަކީ، އައު ވެރިކަމަކާއެކު، ބަދަލުތަކެއް އައިސް ނުވަތަ އެއްކޮށް މަޑުޖެހިދާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ މަޝްރޫޢުތަކެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަގޮތަށް، މިނިސްޓްރީތަކުން މަޝްރޫޢު ހުށަހެޅުމުގައި ފާހަގަ ކުރެވޭ މައްސަލައަކީ، މިފަދައިން ހުށަހަޅާ މަޝްރޫޢުތައް ހުށަހެޅުމުގައި އެއްވެސް މިންގަޑެއް ނުވަތަ އުސޫލެއް ޤާއިމުކުރެވިފައި ނެތުންކަމަށް އޭސީސީން ފާހަގަކުރެއެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، ޕީއެސްއައިޕީގެ މަޝްރޫޢުތައް ހިންގުމުގައި ކުރިމަގުގައި ހައްލުކުރަން ޖެހޭކަމަށް ޤަބޫލުކުރާ ކަންކަން ބަޔާންކޮށް ކަމާބެހޭ އިދާރާތަކަށް ލަފާ ދީފައިވާނެކަމަށް އޭސީސީން ބުނެއެވެ.

އެގޮތުން، މަޝްރޫޢުތައް ކަނޑައެޅުމުގައި ކޮރަޕްޝަނަށް އޮތް ރިސްކް ކުޑަކުރުމަށްޓަކައި ޢަމަލުކުރެވިދާނެ ގައިޑްލައިނެއް އެކުލަވާލުމަށް ލަފާ ދީފައިވާނެކަން ފާހަގަކޮށް އޭސީސީން ބުނީ، މި ގައިޑްލައިން އެކުލަވާލުމަށްޓަކައި މައިގަނޑު 7 ލަފައެއް ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި، މަޝްރޫޢުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ 8 ކަމެއް ހުށަހަޅާފައިވާނެ ކަމަށް އޭސީސީން ބުނެއެވެ.

މި އެސެސްމަންޓް ރިޕޯޓު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ.