ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމީ އިންޝުއަރަންސް ތައާރަފުކޮށް ޚިދުމަތްދޭ ކުންފުނި، އަމާނާ ތަކާފުލް މޯލްޑިވްސްއިން 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ސާޕްލަސް ދީފައިނުވާ ބައިވެރިންނަށް ސާޕްލަސް ދޭން ނިންމައިފިއެވެ.
ރިސްކު ފަންޑް ނުވަތަ ތަކާފުލްގައި ބޭނުންކުރާ ގޮތުންނަމަ ތަބައްރު ފަންޑު ހިންގާއިރު ބައިވެރިންގެ ކްލެއިމްތަކަށް ބަދަލުދިނުމަށްފަހު، ރިޒާވްގައި ހުންނަންޖެހޭ އަދަދަށް ފައިސާ ބެހެއްޓުމަށްފަހު އިތުރުވާ ބަޔަކީ ސާޕްލަސްއެވެ.
ސާޕްލަސް ފައިސާއަކީ އެހެނިހެން އިންޝުއަރަންސް އާއި ތަކާފުލް އިންޝުއަރަންސްގެ އެންމެ ބޮޑު ތަފާތެވެ. މިއީ ފަންޑުގެ ބައިވެރިންނަށް ތަކާފުލްގެ ދަށުން ލިބޭ ފައިދާއެކެވެ.
އަމާނާތަކާފުލްއިން ދަނީ 2012 ވަނަ އަހަރުން ފެށިގެން ބައިވެރިންނަށް ސާޕްލަސް ބަހަމުންނެވެ.
ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއެކުވެސް އަމާނަތަކަފުލްގެ ބައިވެރިންގެ ފަންޑުވަނީ އިތުރުވެފައިކަމަށް އެކުންފުނިން ބުނެއެވެ.
އެހެންކަމުން 2020 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް 15 އިންސައްތައިގެ ސާޕްލަސްއެއް ދޭން ވަނީ ނިންމާފައެވެ.
މިއީ އަމާނާތަކާފުލްގެ ތާރީހުގައި އެންމެ ބޮޑު އަދަދަކަށް ސާޕްލަސް ދިނުމަށް ނިންމާފައިވާ ފަހަރެވެ.
އަމާނާ ތަކާފުލްގެ އަމާޒަކީ ޝަރީޢާ ހުއްދަކުރާ އިންޝުއަރެންސްގެ ފޮނިމީރުކަން ހަމަހަމަ ގޮތުގައި ދިވެހިންނަށް ގެނެސްދިނުމުގައި ދެމިތިބުންކަމަށް އެކުންފުނިން ބުނެއެވެ.