ރިކްޓަރ މިންގަނޑުން 6.9 ގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ނިއުޒީލެންޑްގެ ނޯތު އައިލެންޑް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލިޖިކަލް ސާވޭއިން ބުނެފައިވަނީ، ބިންހެލުން އައިސްފައިވަނީ ނިއުޒީލެންޑްގެ ސިޓީއެއް ކަމަށްވާ ގިޒްބޯންގެ އުތުރުއިރުމަތިން 180 ކިލޯމީޓަރު ދުރުން، ކަނޑުގެ ސަރަހައްދުން 10 ކިލޯމީޓަރު ތިލަ ހިސާބަކަށް ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން، ބެނިހެލުން އުފެދުނު ހިސާބުން ފެށިގެން 300 ކިލޯމީޓަރު ވަށައިގެވާ ސަރަހައްދުތަކަށް ސުނާމީ އެރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޕެސިފިކް ސުނާމީ ވޯރނިންގ ސެންޓަރުން ބުނެފައި ވެއެވެ.

ބާރުގަދަ ބިންހެލުމާ ގުޅިގެން ނިއުޒީލެންޑްގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީން މިހާރުވަނީ، ނޯތު އައިލެންޑްގެ އިރުމަތީ އައްސޭރިފަށުގެ ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރެފައެވެ.

ޓޮލަގާ ބޭއިން ފެށިގެން ކޭޕް ރަންއަވޭއާ ދެމެދުގެ ހިސާބުތަކަށް ރާޅު އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ނިއުޒީލެންޑްގެ ނޯތު އައިލެންޑް ކައިރިއަށް މި ބިންހެލުން އައި ވަގުތަކީ، އެގައުމުގެ ގަޑިން ހުކުރު ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.

ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޭޖެންސީން ބުނެފައިވަނީ، ސުނާމީގެ ފުރަތަމަ ރާޅު އަރާނެ ކަމަށް ބެލެވެނީ މެންދަމުން އަލިވެ 3:34 ގައި ކަމަށެވެ. ސުނާމީގެ ރާޅުތައް އެތައް ގަޑިއިރަކަށް އަރާނެ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

ސުނާމީގެ އިންޒާރު ދިނުމުގެ ކުރިން ނިއުޒީލެންޑް އިމަޖެންސީ އޮތޯރިޓީން އާންމުގެ ކިބައިން އިލްތިމާސް ކޮސްފައިވަނީ ވީހާވެސް އަވަހަކަށް އުސް ސަރަހައްދުތަކަށް ގޮސް ރައްކާތެރިކަން ހޯދުމަށެވެ.

ނޯތު އައިލެންޑް ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގެ ގުޑުންތައް މުޅި ނޯތު އައިލެންޑަށް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަ އެއާއެކު، ބިންހެލުމުގެ ލޮޅުންތައް ކްރިސްޗާޗާއި، ޑުނެޑިންއަށްވެސް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.