ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 6:09 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 64 ވަނަ މީހާއެވެ.

ކޮވިޑްބަލީގައި އިއްޔެރޭ ފަތިހުވެސް ދިވެއްސަކު މަރުވެފައި ވެއެވެ.

އެޗްޕީއޭއިން އިއްޔެ މެންދުރު ބުނެފައިވަނީ، އެއްވެސް ހަރަކާތެއްނެތް ހާލަތުގައިއޮތް އުމުރުން 67 އަހަރުގެ ފިރިހެނަކު ފަތިހު 5:30 އެހާއިރު އައިޖީއެމްއެޗް އިމަޖެންސީ ރޫމަށް ގެނެވުނު ކަމަށާއި، އެމިހާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ ހެނދުނު 6:00 ގައި ކަމަށެވެ.

އެމީހާ ކޮވިޑަށް ޓެސްޓް ހެދުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

ކޮވިޑް ބަލީގައި މިދިޔަ އާދީއްތަ ދުވަހުވެސް ރާއްޖެއިން މީހަކު މަރުވެފައި ވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް އެދުވަހުގެ ފަތިހު 5:06 އެހާއިރު ނިޔާވެފައިވަނީ އުމުރުން އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭއިން ރޭ ބުނެފައިވަނީ، އެކްޓިވް ކޭސަސްގެ ގޮތުގައި 2،615 މީހުން އެބަތިބި ކަމަށާއި، އޭގެތެރެއިން 187 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށެވެ.