• މިހާތަނަށް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 137،124 އަށް
  • އެކްޓިވް ކޭސްގެ އަދަދު 2،664 ގައި، ހޮސްޕިޓަލްތަކުގަ 180 މީހުން

ރާއްޖެއިން އިތުރު 167 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،089 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 167 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 135 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވަނީ 17 މީހުންނެވެ. 15 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 2 މީހުން ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 167 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 20،447 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 117 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 17،712 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،664 ގައެވެ. މީގެތެރެއިން 180 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުން 3،568 މީހަކަށް އަދި އަތޮޅުތެރެއިން 4،144 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 137،124 އަރާފައެވެ. އެއީ، މާލެ ސަރަހައްދުން ވެކްސިންދިން 84،891 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންދިން 52،233 މީހުންނެވެ.