ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 27 ވީ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރަން ނިންނި ނިންމުމުގެ މުއްދަތު އަނެއްކާވެސް އެއް ހަފްތާއަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، މިރޭ އާންމު ކުރެއްވި، މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުމުގެ އެންގުމުގައި ބުނެފައިވަނީ، 25 ފެބްރުއަރީގެ އެންގުމުގެ ދަށުން 27 ފެބްރުއަރީން ފެށިގެން އަޅާފައިވާ ފިޔަވަޅުގެ މުއްދަތު 6 މާޗް 2021 ވާ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާއަކަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ މުއްދަތުގައި، މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު ހިމެނޭގޮތުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން އަންގާފައި ވެއެވެ.

އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން އަންގާފައި ވެއެވެ.

"މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅިފަޅު ހިމެނޭގޮތުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން، ޓޭކްއަވޭ، ޑެލިވަރީގެ ޚިދުމަތް ފިޔަވައި، އެހެނިހެން ޚިދުމަތްދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލުން. ޓޭކްއަވޭއާއި، ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓައިލުން" އެންގުން