ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިރޭ އާންމު ކުރެއްވި އެންގުމުގައި ބުނެފައިވަނީ، ބަލި ފެތުރުން ހުއްޓުވަން މާލެ ސަރަހައްދުގައި 7 ދުވަހުގެ މުއްދަތަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އަންގަވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ؛ ރޭގަނޑު 11:00 އިން ފެށިގެން ފަތހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމާއި، އެއްފަހަރާ 5 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމާއި، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި، ދުވުމަށް ޚާއްސަ ކުރެވިފައިވާ ޓްރެކްތައް ބަންދުކުރުމާއި، ޕާކްތަކާއި މައިޒާންތައް ބަންދުކުރުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޟިރުކޮށްގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމާއި، އެކަނި ކުރާ ކަސްރަތު ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ހުއްޓާލަން އަންގާފައިވާ ކަންކަމުގެ ތެރޭގައި، ޖިމްތަކުގައި، ހަމައެކަނި، އެކަނިކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުމާއި، ޚާއްސަ ހުއްދައިގެ ދަށުން، ޟަރޫރީ ބޭނުންތަކަށް ރަށްރަށަށް ދާ ފަރާތްތަކުން، ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގަޓިވް ޕީސީއާރް ޓެސްޓް އޮތުމާއި، ޕްރީ ސްކޫލްތަކާއި ނާސަރީ ތަކުގައި ކިޔަވައިދިނުން ހުއްޓާލުމާއި، ޑޭ ކެއަރގެ ޚިދުމަތްތައް ހުއްޓާލުމެވެ.

މިފިޔަވަޅުތަކާއެކު، 27 ޖެނުއަރީ 2021 ގެ އެންގުމުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފިޔަވައި، އެހެން ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށްވެސް އެންގުމުގައި ވެއެވެ.

ރޭގަނޑު 11:00 އިން ފެށިގެން ފަތހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ ފިޔަވަޅުގައި އިސްތިސްނާވާ ފަރާތްތައްވެސް އެންގުމުގައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސިފައިންނާއި ފުލުުންނާއި، ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެމީހުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލެންސާއި، އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަކާއި، އިމަޖެންސީކޮށް ސިއްހީ ޚިދުމަތެއް ހޯދަންޖެހޭ ފަރާތްތަކެވެ.