މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

މުޅި އެ ސަރަހައްދަށް ސުނާމީގެ އިންޒާރު މިނެރުނީ، ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށް މީގެ ކުޑައިރުކޮޅެއް ކުރިން އައި ރިކްޓަރ މިންގަނޑުން 8.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ.

މިއީ، ނިއުޒީލެންޑް ކައިރިއަށް ގާތްގާތުގައި އައި ތިންވަނަ ބާރުގަދަ ބިންހެލުމެވެ.

ނިއުޒީލެންޑްގެ އެ ސަހައްދުތަކަށް ހުކުރު ދުވަހުގެ މެންދަމުން ފެށިގެން ފުރަތަމަ 6.9 އަދި އޭގެފަހުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ.

ކުރިން އައި ބިންހެލުންތަކާ ގުޅިގެން ނިއުޒީލެންޑްގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެންމެފަހުން އައި ބިންހެލުމުގެ ބާރުގަދަ ކަމުން، އިންޒާރު ނެރެފައިވަނީ މުޅި ޕެސިފިކް ސަރަހައްދަށެވެ.

ޕެސިފިކް ސުނާމީ ވޯރނިންގ ސެންޓަރުން ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން ގާތްގަނޑަކަށް 3 މީޓަރުގެ އުސްމިނުގެ ރާޅުތައް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިކަމާހެދި، ނިއުޒީލެންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ، އައްސޭރިފަށް ސަރަހައްދުގައި ދިރިއުޅޭ އެންމެން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަމުރު ކޮށްފައެވެ. އެއްވެސް މީހަކު ގޭގައި މަޑުނުކުރުމަށް އަންގާ އިންޒާރުކޮށްފައެވެ.

ޕެސިފިކް ސަރަހައްދުގެ ގައުމުތައް ކަމަށްވާ ވަނުއާޓޫ، ނިއު ކެލެޑޯނިއާއާ ހަމައަށް ސުނާމީގެ ރާޅުތައް ފޯރާނެކަމަށް ބެލެވިފައި ކަމާބެހޭ އިދާރާއިންލަފާކުރެއެވެ.

ހަމަ އެއާއެކު، ސުނާމީގެ ތަންކޮޅެއް ކުދި ރާޅުތައް، ދުރު ހިސާބުގެ ގައުމުތައް ކަމަށްވާ ޖަޕާން، ރަޝިޔާ، މެކްސިކޯ، އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ އައްސޭރިފަށާ ހަމައަށްވެސް ފޯރާނެ ކަމަށް ޕެސިފިކް ސުނާމީ ވޯރނިންގ ސެންޓަރުން ލަފާކޮށްފައި ވެއެވެ.

ނިއުޒީލެންޑްގެ ސަރަހައްދުތަކަށް ކުރިން އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށްވެސް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ. ކުރިން އައި ދެ ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރުވެސް ފަހުން އަނބުރާ ނަގާފައި ވެއެވެ.

އެންމެފަހުން އައި، ކުރިއަށްވުރެ މާ ބާދުގަދަ ބިންހެލުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.