ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެެ.

އިމިގްރޭޝަނުން ނެރެފައިވަ ބަޔާނެއްގައި ބުނެފައިވަނީ، ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެވާ ބިދޭސީން، ރާއްޖެ އެތެރެވުމަށްފަހު، އެފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ އެއިދާރާއަށް ލިބިފައިވާކަމަށެވެ.

އެފަދަ ޝަކުވާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓުތަކުން ފޮޓޯގްރަފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ގިނަކަންކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިޝަކުވާތަކާއި ގުޅިގެން އިމިގްރޭޝަނުން އެމައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް އަންގާފައިވާނެކަމަށްވެސް އެ އިދާރައިން ވަނީ ބުނެފައެވެ. އަދި މިފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައިވާކަމަށެވެ.

އިމިގްރޭޝަނަށް މަޢުލޫމާތު ލިބޭ ގޮތުގައި އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ދަނީ ކުރުވަމުންކަމަށް އެންގޭކަމަށް އިމިގްރޭޝަންގެ ބަޔާނުގައިވެއެވެ.

އެފަދައިން ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން އިމިގްރޭޝަނަށް ހިއްސާކުރަމުންދާކަަން އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ފަދައިން މަސައްކަތްކުރުވާ ފަރާތްތަކާއި މެދު އެއިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ، ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަޞަރުކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ޤަވައިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތް ނުކުރުވުމަށް އިލްތިމާސްކޮށްފައެވެ.