އިންޑިއާގެ އެއާލައިނެއް ކަމަށްވާ ވިސްތާރާ އެއާލައިނުން ސިދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވިސްތާރާ އެއާލައިނުން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ ވޯޓަރ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.

މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ އެއާލައިނުން ރާއްޖެއަށް ބޭއްވި ފުރަތަމަ ފްލައިޓު A320neo ގައި 164 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

މި އެއާލައިންގެ ދަތުރުތައް ކޮންމެ ހަފްތާއަކު ތިން ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުދަ ހޮނިހިރު އަދި އާދިއްތަ ދުވަހު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވިސްތާރާ އެއާލައިންގެ 2 ކޮޅު ޓިކެޓަށް 227 ޑޮލަރު އަރަ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. އިންޑިއާގެ ވިސްތާރާ އެއާލައިނާއި، ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ އެއަރ ޓްރެވަލް ބަބްލްގެ ދަށުންނެވެ. މި އެއަރ ބަބްލްގެ ދަށުން އިންޑިއާގެ ގިނަ އެއާލައިންތަކަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ބާއްވަމުން އާދެއެވެ. އެގޮތުން އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ ފަދަ އެއާލައިންތަކަކީ މި ޓްރެވަލް ބަބްލްގެ ދަށުން ދަތުރުތައް ބާއްވާ އެއާލައިންތަކެވެ.

މިއަހަރުގެ މިހާތަނަށް ރައްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައި ފާހަގަކޮށްލެވިފައިވަނީ އިންޑިއާއެވެ. އެގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 46،541 އަށް އަރާފައެވެ.

އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ ވަނީ 198،116 އަށް އަރާފައެވެ.