ހުޅުމާލެއަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ސިޓީ ކައުންސިލްގެ ރޯލެއް އޮންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގަބޫލުފުޅުކުރައްވާކަމަށް ހުޅުމަލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒް މިފަދައިން ވިދާޅުވީ ވީޓީވީގެ ގޮނޑިކޮޅު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. އަލި ނިޔާޒް ވިދާޅުވީ ހުޅުމާލެއާއި ވިލިނގިއްޔަކީ މާލެގެ އިހްތިސޯސްގެ ތެރޭގައިވާ ތަނެއްކަން ގާނޫނަކުން ކަނޑައަޅައި އެކަން ގެޒެޓްކޮށްފައިވާކަމަށެވެ.

ހުލުމާލެއަކީ މާލޭގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ތަނެއް ނަމަވެސް ހުޅުމާލެ އޮންނަނީ ކުންފުންނެއްގެ ދަށުގައިކަން ފާހަގަކުރައްވައި އަލީ ނިޔާޒު ވަނީ އެއީ އެކަން އޮވެގެންވާނެ ގޮތް ކަމުގައި ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވީޓީވީގެ ގޮނޑިކޮޅު ޕްރޮގްރާމުގައި

އަލީ ނިޒާޒު ވިދާޅުވީ ކުރީގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ބިންތައް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްކޮށް ރަޖިސްޓްރީކޮށްދީ، މުޅި ހުޅުމާލެ އެއްކޮށް އެޗްޑީސީގެ މިލްކިއްޔާތެއްގެ ގޮތަށް ދީފައި ކަމަށެވެ. އެހެންނަމަވެސް ހުޅުމާލެއަށް ބެނުންވާ މުނިސިޕަލް ޚިދުމަތްތައް ދޭންޖެހޭނީ ކައުންސިލް މެދުވެރިވެގެން ކައުންސިލްގެ ރޯލެއް އޮންނަ ގޮތަށް ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

ހުޅުމާލޭގެ ހިންގުން އެޗްޑީސީގެ ދަށުން ނަގައި، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ބޭރުން، ހުޅުމާލެ ރައްޔިތުންނާ ދެކެވިފައި އޮތް ވާހަކައެއް ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށްފަހު މިކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާކަމަށް އަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.

މިކަން ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާކަމަށާއި، މިދިޔަ ހަފްތާގައި މިކަމާ ގުޅޭގޮތުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާކަމަށާއި، ރައީސްގެ ވިސްނުންފުޅު ވެސް ހުރީ މިކަމަކީ ކުރަންޖެހިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލެއަކީ މާލޭގެ އިހުތިސޯސްގެ ދަށުގައި އޮތް ތަނަކަށް ވުމާއެކު އެތަނުގައި މުނިސިޕަލް ހިދުމަތްތައް ދިނުމުގައި މާލޭ ސިޓީ ކައުންސިލްގެ ރޯލެއް އޮނަންނަންޖެހޭނެ ކަމަށް ރައީސް ގަބޫލުފުޅުކުރައްވާކަމަށް އަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ހިންގުން މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާކަން މެމްބަރު އަލީ ނިޔާޒު ހާމަކުރައްވާފައިވަނީ، މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރުވެސް މިކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށެވެ.

އަނަސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭނެގޮތް އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގެ ދެދައުރުގަވެސް ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް އެބާރުތައް ސަރުކާރުގެ ކެބިނެޓް ތެރެއަށް ގެނެސްފައިވާކަމަށެވެ. އެމްޑީޕީގެ ސަރުކާރަކާއެކު މިނިޒާމު މިހާރު ދަނީ އިތުރަށް ފުރިހަމަ ވަމުންކަން ވެސް އަނަސް ވަނީ ފާހަގަކުރައްވާފައެވެ.