ކޭސްތައް އިތުރުވާނަމަ މިހާރު އަޅާފަހުރި ފިޔަވަޅުތައް ހަރުކަށިކުރާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިފަދައިން ވިދާޅުވެފައިވާއިރު، ކޮވިޑް-19 ހަލވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ، މާލެ ސަރަހަށްދުގައި އަޅާފައިވާ ފިޔަވަޅުތައް ރޭގައި ވަނީ ހަފްތާއަކަށް އިތުރުވެސްކޮށްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަންޖެހުނީ، ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ހައި ރިސްކް ހަރަކާތްތައް ނޫނީ ބަލި ފެތުރޭ ކަހަލަ ކަންތައްތައް މަދުކުރުމަށްކަމަށެވެ.

"މީހުން އެއްވެސް ވަރަކަށް އެއްވާ އެއްވުން ގިނަވާ ކަންތައްތައް މަދުކުރަން އަދި، އެއްތަނުން އަނެއްތަނަށް މީހުން ދާ އަދަދު، މީހުން މަސްހުނިވުމާއި، ވާހަކަދައްކައި، މީހުން ދިމާވެ ކަންތައްތައް ވުމަށް މަގުފަހިވާނެ ކަމަކަށްވާތީވެ، މީހުންގެ މޫވްމަންޓް މަދުކުރުމަށް އަޅާ ފިޔަވަޅުތައް އަޅުގަނޑުމެންގެ މިހާރު އަޅާފައިވާ ފިޔަވަޅުތަކިގެ ތެރޭގައި މި ހިމެނެނީ."
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު

ދެން އަންނަ ހަފްތާގައި އަނެއްކާވެސް ހާލަތަށް ބެލުމަށްފަހު އިތުރު ފިޔަވަޅުތައް އަޅަންޖެހޭނަމަ ފިޔަވަޅުތައް އަަޅާނެކަމަށް ޑރ، ނަޒްލާ ވިދާޅުވިއެވެ. އަދި ފިޔަވަޅުތަކަށް ލުޔެއް ދޭންޖެހޭނަމަވެސް އެކަން އެގޮތަށް ކުރިޔަށް ގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު އަންނައިރު، މިދިޔަ ހަފްތާގައި އެކަނިވެސް 1020 ކޭސް ފެނިފައިވެއެވެ. މިއީ ހަފްތާއެއްގެ ތެރޭގައި ކޭސްތައް މިހާ މަތިވި ފުރަތަމަ ފަހަރެވެ. މިހާރު ރާއްޖޭން ކޮވިޑްގެ ކޮވިޑް19ގެ ޖުމްލަ 20،447 ކޭސް ފެނިފައިވާއިރު މިހާތަނަށް 17،712 މީހަކު ބަލިން ފަސޭހަވެފައިވެއެވެ.

މިހާރު ހޮސްޕިޓަލްތަކުގައި 180 މީހަކަށް ފަރުވާދެމުންދާއިރު، 2664 އެކްޓިވް ކޭސަސް މިހާރު އެބަ ތިއްބެވެ. މިބަލީގައި ރާއްޖޭން 64 މީހަކު މަރުވެފައިވެއެވެ.