މިއަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރާނީ އައްޑޫ ސިޓީގައި ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއހަރުގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫގައި ފާހަގަކުރަން ނިންމީ އައްޑޫ ސިޓީ ކައުންސިލްގެވެސް އިސްނެގުމުގެ މަތިން ކަމަށެވެ.

ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ޔޫއެންޑަބްލިއުޓީއޯއިން ކަނޑައަޅާފައިވަނީ " ޓުއަރިޒަމް ފޮރ އިންކްލޫސިވް ގްރޯތު" މި ޝިއާރެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. ވަރޗުއަލްކޮށް މި ރަސްމިއްޔާތުގައި ގިނަ ބަޔަކު ބައިވެރިވިއިރު، މިއަހަރުގެ މި ރަސްމިއްޔާތު ބާއްވާނެ ގޮތުގެ އިތުރު ތަފްސީލުތަކެއް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މިއަހަރު ވެގެންދާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރަކަށް ކަމުގައި އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމް ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަަދަދު ވަނީ ދެ ލައްކައަށް އަރާފައެވެ.