ޒޯން ދޭއްގެ ކުނި މެނޭޖްކުރާ ސަރަހައްދީ ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު ވަނީ ފަށާފައި ކަމަށް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖްކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީންމިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާ މިނިސްޓަރ ވިދާޅުވީ ތިލަފުށީގެ ފަޅުން ކުރިން ހިންކާފައޮތް 15 ހެކްޓަރުގެ ބިމާއެކު ޖުމްލަ 25 ހެކްޓަރުގެ ބިމުގަ ޒޯން ދޭއްގެ ކުނި މެނޭޖްކުރާ ސަރަހައްދީ ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ވަނީ ފަށާފައި ކަމަށެވެ.

"ގްރޭޓާ މާލޭ އެންވައިރަމެންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓްމެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ދެ ފިޔަވައްސަށް ބަހައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ތިލަފުށީގައި މެހި އާލާވެ ދުން އަރަމުންދާ ގޮނޑުން ދުންއެރުވުން ހުއްޓުވުމުގެ އިތުރަށް އެތަން ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ތިލަފުށީގައި ކުނި ރިސީވް ކުރެވޭނެ ޒަމާނީ ފެންވަރުގެ ފެސިލިޓީ ގާއިމްކުރުމާއި ތިލަފުށީގައި ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސް ކުރެވޭނެ ޕްލާންޓް ގާއިމްކުރުމާއި މާލެއާއި ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކެއް ގާއިމްކުރުމުގެ އިތުރަށް ބާވެ އުކާޅާ އެއްގަމު އުޅަނދުތައް ޑިސްމެންޓަލް ކުރާނެ ފެސިލިޓީއެއް އަދި ރީސައިކަލްކުރާނެ ފެސިލިޓީއެއް ކުރުން. އަދި މިއާއެކު ރީސައިކަލް ކުރެވޭނެ ބާވަތުގެ ކުނި ވަކިކޮށް އެ ބާވަތްތައް ރީސައިކަލް ކުރެވޭނެ ފެސިލިޓީއަކަށް ގެންދެވެންދެން ވަކި ތަރުތީބަކުން ބެހެއްޓޭނެ ނިޒާމެއްވެސް މި ފިޔަވަހީގައި ހިމެނިފައިވޭ."
އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން

މީގެ އިތުރަށް ތިލަފުށްޓަަށް ކޮންމެ ދުވަހަކު މި ސަރަހައްދުގެ އެކި ރަށްތަކުން ގެންދާ ކުނި ދުވަހުން ދުވަހަށް ޕްރޮސެސްކޮށް ބަންޑަލްކުރެވޭ އިންތިޒާމު ހަމަޖެއްސުންވެސް މި ފިޔަވަހީގައި ހިމެނޭ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ފިޔަވަހި ނިމޭއިރު މި މަޝްރުޢޫގެ ދަށުން ގްރޭޓާ މަލޭގެ އިތުރަށް އއ. އަތޮޅާއި އދ. އަތޮޅާއި ވ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރެވޭނެ ފުރިހަމަ ނިޒާމުތަކެއް ގާއިމް ކުރެވޭނެ ކަމަށެވެ.

އަދި ރަށްރަށުން ބޭރުކުރަންޖެހޭ ކުނި ކޮންޓެއިނަރުތަކުގައި ބޭރުކުރޭވެ ނިޒާމުވެސް ގާއިމްކުރެވޭނެ ކަމަށާއި ތިލަފުށީގެ ކުނި ގޮނޑު މެނޭޖްކުރުމަށްޓަކައި އެކަމަށް ބޭނުންވާ މެޝިނަރީ ގެނައުމަށް 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މިނިސްޓްރީން ވަނީ ބޭރުގެ އެކި ފަރާތްތަކާއެކު ކޮންޓްރެކްޓް ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތައް ބޭނުންވާ ހުރިހާ މެޝިނަރީތައް ގެނެސް ނިމޭނެ ކަމަށް ކޮންޓްރެކްޓަރުން މިހާރު ބުނެފައިވަނީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް ކަމަށާއި އެހެންކަމުން މިހުރިހާ މެޝިނަރީތައް ރާއްޖެ ގެނެވި ތިލަފުށީ ކުނި ގޮނޑުން ދުން އެރުމުގެ މައްސަލައަށް މިއަހަރު ނިމުމުގެ ކުރިން ހައްލުލިބޭނެ ކަމަށްވެސް މިނިސްޓަރ ޑރ. ހުސެއިން ވިދާޅުވިއެވެ.