އެޗްޕީއޭގެ ގިނަ ގައިޑްލައިންތަކުގެ ނިޔަތަކަށްވެފައި އޮތީ ސިޔާސީގޮތުން ސަރުކާރަށް މަންފާ ހޯދައިދިނުން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން އަންނާތީ މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން އެއް ނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނިކޮށް މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ އެޗްޕީއޭގެ ގިނަ ގައިޑްލައިންތަކުގެ ނިޔަތަކަށްވެފައި އޮތީ ސިޔާސީގޮތުން ސަރުކާރަށް މަންފާ ހޯދައިދިނުން ކަމަށާއި ދެ އުޅިއެއްނުވާ އުސޫލުތަކުގެ އެންމެ ބޮޑު އުނދަގުލެއް ތަހައްމަލުކުރާ އެއްބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ކަމަށެވެ.

އާއިލާ ގާތަށް ނުދެވޭ ހާލު ވެކްސިން ޖެހުމުންވެސް އެ މީހުން ވަނީ މަހުރޫމް ކޮށްފައި ކަމަށް މެމްބަރު ކުރެއްވި ޓްވީޓުގައިވެއެވެ.

"މަގޭ ފްލެޓު ކޮބާ؟"ގެ ނަމުގައި ސިލްސިލާކޮށް އިދިކޮޅުން މުޒާހަރާ މާލެ ތެރޭގައި ބާއްވަމުން އަންނައިރު މިއަދުގެ މުޒާހަރާގެ ބައިވެރިންނަށް ޕީޕީއެމް އޮފީހާއި ހަމައަށް ނާދެވޭ ގޮތަށް އެ ސަރަހައްދު ފުލުހުން ވަނީ ބެރިކޭޑު ޖަހައި ބަންދުކޮށްފައެވެ.

މިކަމާ ގުޅިގެން ކޯލިޝަންގެ ގިނަ ބަޔަކު ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން މެމްބަރު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިފި ކަމަށާއި ސަރުކާރަށް ކޮވިޑް-19 ވީ ބޮޑު އީދަކަށް ކަމަށެވެ.

ރައްޔިތުން މޫނުގައި ފޮތި ބަނދެފައި އަތް ދޮންނަން ގެޔަށް ވައްދާފަ މުޅި ދައުލަތް ބިޒީވީ ވައްކަން ކުރުމާއި ގައުމުގެ މިނިވަންކަން ނަގާލުމަށް."
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް

އަދި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުގައި ކަން ފާހަގަކުރައްވާ މެމްބަރު ޝިޔާމް ވިދާޅުވީ މުޒާހަރާ ކުރުމަށް ފަސް މީހުންވިޔަސް ނިކުންނާނެ ކަމަށެވެ.

އިދިކޮޅުން މުޒާހަރާއަށް ތައްޔާރުވަމުން އަންނަ އިރު މިއަދުން ފެށިގެން 5 މީހުންނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.