މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 188،985 އަށް އަރާފައެވެ. އަދި މި ހިނގާ މާޗް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިމަހު 11،886 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އަދި މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 200،871 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 41.2 އިންސައްތަ ދަށް އަދަދެއް ކަމަށާއި، މިދިޔަ އަހަރުގެ މި މުއްދަތުގައި 341،689 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 3،188 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކުރެއެވެ. އަދި މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިން 9 ދުވަހު ރާއްޖޭގައި ތިބޭކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިންޑިއާ މާކެޓުން ކަމަށްވާއިރު، މި މުއްދަތުގައި އިންޑިއާ މާކެޓުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 46،541 އަށް އަރާފައެވެ. އަދި ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 42،417 އަށް އަރާފައިވާއިރު، ޔޫކްރެއިނުން 13،350 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުމް ޓުއަރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 663 ޚިދުމަތަށް ހުޅުވާލައި، 45،083 އެނދުގެ ޚިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން 148 ރިސޯޓެއް ހުޅުވައި އެތަންތަނުން 34،226 އެނގުގެ ޚިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި 364 ގެސްޓްހައުސްއެއް ހުޅުވައި، އެތަންތަނުގައި 6،676 އެނދުގެ ޚިދުމަތް ދެމުންދާކަން ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން 140 ސަފާރީއެއްގައި 2،723 އެނދުގެ ޚިދުމަތް ދެމުންދާކަމަށާއި، 11 ހޮޓަލެއްގައި 1،458 އެނދުގެ ޚިދުމަތް ދެމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.