ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެެވެ.

މެމްބަރު ހުށަހެޅުއްވި މައްސަލާގައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި އެތައް މަހެއް ފާއިތުވަމުންދާތީ އެ މުވައްޒަަފުންނާއި އާއިލާތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަން ޖެހުނު ކަމުގައިވިޔަސް އާއިލާ ގާތަށް ދެވޭނެ އެއްވެސް ފުރުސަތެއްނެތި ގިނަ މުވައްޒަފުންތަކެއް ކޮވިޑް-19 އާއި ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސް ވެފައިވާތީ، އާއިލާގާތަށް ދިޔަ މުވައްޒަފުން އެނބުރި ރިސޯޓުގެ މަސައްކަތަށް ނުނުކުމެވި އާމްދަނީ އެއްނެތި ތިބޭތާ އެތައް މަހެއް ވެފައިވާ ކަމަށް މެމްބަރު ހުށަހެޅުއްވި މައްސަލާގައިވަނީ ފާހަގަކޮށްފައެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާން އާބާދީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ އާއިލާގާތަށް ދާންޖެހޭނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހުމާއި ބައެއް ރިސޯޓުތަކުން ކަރަންޓީނު މުއްދަތު ނޯޕޭގެ ގޮތުގައި ގުނަމުންދާ މައްސަލައާއި ކޮންމެ ހަފްތާއަކުވެސް އޮފް ނަގަން މަޖުބޫރުވާއިރު އޮފްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތުންވެސް މެމްބަރު ހުށަހެޅުއްވި މައްސަލާގައިވެއެވެ.

އެޗްޕީއޭއިން މިހާރު އެކުލަވާލާފައިވާ އުސޫލުގައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާލެ ފިޔަވައި އެހެންތަނަކަށް ދާކަމުގައިވާނަމަ ކަރަންޓީނު ވާންޖެހޭ ގޮތަށް އޮތް ކަމުގައިވިޔަސް ހަމަ މި އުސޫލުގެ ދަށުން ފަތުރުވެރިންނަށޤ އެ ރަށްރަށަށްގޮސް ކަރަންޓީނު ނުވެ މާސްކް ނާޅާ ރަށުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ލިބޭތީ މިކަމުގެ ސަބަބުން އެރަށުގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ލިބޭ ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.