އިދިކޮޅުން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޕީޕީއެމް އޮފީސް ކުރިމައްޗަށް ދެވެން އޮތް ހުރިހާ މަގެއް ފުލުހުން ބަންދު ކޮށްފައިވަނިކޮށް މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި މަގުތަކުގައި މުޒާހަރާކޮށްފައެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުން 17 މީހަކު ހައްޔަރުކޮށްފައިވާއިރު މި މުޒާހަރައަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކުުުގެ ހައްގުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި ކުރިއަށްގެންދާ އެއްވުމެއް ކަމަށް ކޯލިޝަނުން ބުނެއެވެ.

ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި މުޒާހަރާކުރަމުންދާއިރު މިކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތް ހިންގުމަށް ސަރުކާރުން ޖާގަނުދޭނެ ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއްނެތި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފަވާއިރު ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށް އެ މުއަައްސަސާއިންވެސް ވަނީ ބުނެފައެވެ.