ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 8000އަށްވުރެ ގިނަ މުވައްޒަފުން ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހައިފިކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުގައެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މޯލްޑިވިސް ޓުއަރިޒަމް އަޕްޑޭޓްސްގައި ވާގޮތުން މިމަހުގެ 3ވަނަ ދުވަހުގެ ނިޔަަލަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 8،123 މުވައްޒަފަކު ވަނީ ވެކްސިން ޖަހާފައެވެ.

އެގޮތުން ރިސޯޓްތަކުން 7،391 މީހަކު ވެކްސިން ޖަހަފައިވާއިރު، ގެސްޓްހައުސްތަކުން 306 މީހަކު ވެކްސިން ޖަހާފައިވެއެވެ. އަދި ހޮޓެލްސްތަކުން 70 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. ސަފާރީތަކުން 214 މީހަކު ވެކްސިން ޖާހާފައިވާއިރު، ޓްރެވަލް އެޖެންސީތަކުން 24 މީހެއް އަދި އެދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން 64 މީހަކާއި މިނިސްޓްރީގައި މަސައްކަތް ކުރާ 54 މުވައްޒަފަކުވެސް ވެކްސިން ޖަހާފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19އަށް މިހާރު ޕޮޒިޓިވްވާ ރޭޓު އުޅެނީ 0.19 އިންސައްތައިގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބައި ލައްކައަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވެއެވެ.