• މިހާތަނަށް ވެކްސިން ދިން މީޙުންގެ އަދަދު 138،827 އަށް
  • އެކްޓިވް ކޭސަސްގެ އަދަދު 2،658 ގައި، ހޮސްޕިޓަލްތަކުގަ 167 މީހުން

ރާއްޖެއިން އިތުރު 118 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، އެ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 2،964 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 118 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވަނީ 4 މީހުންނެވެ. 19 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 118 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 20،565 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 124 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 17،836 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،658 ގައެވެ. މީގެތެރެއިން 167 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުން ހުކުރު ދުވަހު އެއްވެސް މީހަކަށް ވެކްސިން ދީފައި ނުވާ ކަމަށެވެ. ނަމަވެސް އަތޮޅުތެރެއިން 1،703 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 138،827 އަށް އަރާފައެވެ. އެއީ، މާލެ ސަރަހައްދުން ވެކްސިންދިން 84،891 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންދިން 53،936 މީހުންނެވެ.