ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުމަކީ، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކާއި ކުރެވޭ މަސައްކަތްތައް ހުއްޓާލައި ދޫދޭންވީ ސަބަބެއް ނޫންކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގެ ގައުމުތަކަށް އަނެއްކާވެސް އިންޒާރު ކޮށްފިއެވެ.

ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި ޕްރެސް ބްރީފިންގައި، ޑަބްލިޔޫއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، ވެކްސިން ލިބުމުން މި ބަލިމަޑުކަމުން އަރައިގަނެވުނީ ކަމަށް ބައެއް ގައުމުތަކަށް ހީވާ ކަމަށާއި، ނަމަވެސް އެއީ އަދި ކަންއޮތްގޮތް ނޫން ކަމަށެވެ.

ގައުމުތަކުން މި ދަނޑިވަޅުގައި ފަރުވާތެރިވެ ރައްކާތެރި ނުވެއްޖެނަމަ ކޮވިޑް ބަލީގެ ތިންވަނަ އަދި ހަތަރުވަނަ ރާޅާވެސް ކުރިމަތިލާން ޖެހިދާނެކަމަށް ޑރ. މައިކަލް ޖޭ ރަޔާން އިންޒާރު ކުރެއްވިއެވެ.

ޕްރެސް ބްރީފިންގައި ޑަބްލިޔޫއެޗްއޯއިންވަނީ، ބްރެޒީލުން ފެނިގެންއުޅޭ ކޮވިޑް ވައިރަހުގެ މާ ނުރައްކާތެރި ވޭރިއެންޓް ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ކޮށްފައެވެ.

ބްރެޒީލުން ފެނިގެންއުޅޭ ނުރައްކާތެރި ވޭރިއެންޓްގެ ސަބަބުން މި ހަފްތާގައި އެގައުމުން ރެކޯޑު އަދަދަށް މީހުން މަރުވެފައި ވާއިރު، ބަލިމީހުންގެ އަދަދު އެތައްގުނަ އިތުރުވެ، ހޮސްޕިޓަލްތައް ފުރިބާރުވެ، މުޅި ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމުވެސް މިހާރުއޮތީ ނޭވާހޮޅިއަށް އެޅިފައިކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި ދުނިޔޭގެ އެތައް ގައުމަކަށް އެތައް މިލިއަން ޑޯޒްގެ ވެކްސިން ފޯރާފައި ވީނަމަވެސް، މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު، 7 ހަފްތާގެ މުއްދަތަކަށްފަހު މިދިޔަ ހަފްތާގައި ދުނިޔެއިން އަލަށް ބަލިޖެހުނު މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވާކަންވެސް ޑަބްލިޔޫއެޗްއޯއިން ފާހަގަކޮށްފައި ވެއެވެ.

"ބްރެޒީލަކަސް، އަދި ދުނިޔޭގެ އެހެން ގައުމަކަށްވިޔަސް، މިއީ ލުއިދިނުމުގެ ވާހަކަ ދައްކަންވީ ވަގުތެއްނޫން. ވެކްސިން ލިބުމަކީ މަތިވެރި އުންމީދުތަކެއް ލިއްބައިދޭ ވަގުތެއް. ހަމަ އެއާއެކު، އެއީ އަޅުގަނޑުމެންގެ ސަމާލުކަން ކުޑަވެގެންދާވެސް ވަގުތުކޮޅެއް" ޑރ. މައިކަލް ޖޭ ރަޔާން

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ބްރެޒިލްގެ ހާލަތާ ގުޅިގެން "ވަރަށް ވަރަށް ބޮޑަށް" ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ.

ހަމަ އެއާއެކު، ބްރެޒިލުން ފެނިގެންއުޅޭ ނުރައްކާތެރި ވޭރިއެންޓް މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ޑރ. ޓެޑްރޯސް ދެއްވާފައި ވެއެވެ.

"ބްރެޒިލް ސީރިއަސް ނުވާނަމަ، ހުރިހާ ރަށްތަކުގައިދާނީ ބަލިމަޑުކަން ފެތުރެމުން. އަދި އެއަށްވުރެ ދުރަށްވެސް ފެތުރިގެން ހިނގައިދާނެ" ޑރ. ޓެޑްރޯސް އަދަނޮމް