ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފުވައްމުލައް ސިޓީގައި ހިންގާފައި އޮތް ކާފިއު އުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ވީނިއުސްއަށް މިކަން ކަށަވަރު ކޮށްދީފައެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވީ، އެރަށުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މިދިޔަ މަހުގެ 12 އިން ފެށިގެން އަޅާފައި އޮތް ޚާއްސަ ފިޔަވަޅުތަކުގެ މުއްދަތު ރޭ މެންދަމު 12 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

ރޭ މެންދަމުގެ ނިޔަލަށް މިމުއްދަތު ހަމަވުމުން އެޗްޕީއޭއިން މި ފިޔަވަޅުތައް އިތުރަށް ދަންމާލަން ނިންމައިފައި ނުވާކަމަށް ޟިރާރު ވިދާޅުވިއެވެ.

އެހެންނަމަވެސް ފުވައްމުލައް ސިޓީ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ޟިރާރު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީން ނުވަމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހު އެރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމިއެވެ.

އެގޮތުން ރޭގަނޑު 8:30 އިން ފަތިހު 4:00 އަށް ފުވައްމުލަކު ސިޓީގައި އުޅަނދުފަހަރު ދުއްވުމާއި ބޭރަށް ނުކުމެ އުޅުން މަނާކުރިއެވެ.

އެރަށް މޮނިޓަރިންނަށް ލުމާގުޅިގެން އެރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން ނިންމިއެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމާއި ބޭރަށް ނިކުމެ އުޅުން ވަކި ވަގުތަކަށް މަނާކުރުމުގެ އިތުރުން އެސިޓީގައި ހަފްލާތަކާއި އެއްވުންތައް ބޭއްވުން މަނާކުރިއެވެ. އަދި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމަަށްވެސް އެންގިއެވެ.

އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށާއި މަގުމައްޗަށް އެއްވެ އުޅުން ހުއްޓައިލާލުމަށާއި، ސެލޫންތަކާއި، ޖިމް، ބޯކޮށާ ތަންތަން ބަންދުކުރުމުގެ އިތުރުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ވެސް ހުއްޓާލަން ނިންމާފައިވެއެވެ.

އަދި ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައަޅައިގެން ހިދުމަތް ދޭން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގައިފައިވެއެވެ. ނަމަވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ. މި ފިޔަވަޅުތައް އަދިވެސް ފުވައްމުލަކުގައި ދެމި އެބައޮތެވެ.

ފުވައްމުލަކުން މިހާތަނަށް 51 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ޑެޕިއުޓީ މޭޔަރ ޟިރާރު ވިދާޅުވިއެވެ. މީގެތެރެއިން 34 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށާއި، 17 އެކްޓިވް ކޭސް އެބައޮތް ކަމަށް ޟިރާރު ވަނީ ވިދާޅުވެފައެވެ.