ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ހުށަހަޅާ ސައްހަ ފޯމު ބަލައިގަންނަނީ ވަކި ޕާޓީއަކަށް ބަލައިގެން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ މުއްދަތާއިމެދު އިދިކޮޅުގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ފާޅުކުރަމުންގެންދާތީ އެކަމާ ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް ރީ-ރަޖިސްޓްރޭޝަނަށް ދެނީ 10 ދުވަހުގެ މުއްދަތެއްކަމަށެވެ.

އެގޮތުން މި އިންތިޚާބުގައިވެސް ކޮމިޝަނުން ވަނީ 10 ދުވަހުގެ މުއްދަތެއްދީފައި ކަމަށާއި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ދުވަހުން ފެށިގެން ކޮމިޝަނަށް ލިބޭ ސައްހަ ހުރިހާ ފޯމެއް ބަލައިގަންނަނީ ވަކި ސިޔާސީ ޕާޓީއަކަށް ބެެެެެެެެލުމެއްނެެެެެެެެެެެެތިިކަަމަށް ޝަރީފް ވިދާޅުވިއެވެ.

ސައްހަ ފޯމެކޭ މި ދަންނަވަނީ އެ ފޯމަކީ އެއީ ސައްހަ ގޮތުގަ މިސާލަކަށް އަހަރެެން އެހެން މީހެއްގެ ނަމުގަވެސް ފޯމެއް ލާފާނެ. އެކަމަކު އެ ފޯމަކީ ސައްހަ ފޯމެއް ކަމެއް އަދި ނޫންކަން ޔަގީންވާންޖެހޭނެ. ފޯމް ބަލައިގަންނަ އިރު އެއީ ކޮން ޕާޓީެއްގެ މީހެއްތޯ ނުބަލަން. ސައްހަ ފޯމް ބަލައިގަތުމުގަ ބަލާ މިންގަނޑުތައް ފުރިހަމަވެފައިވާނަމަ އެ ފޯމެއް ބަލައިގަންނާނެ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ފޯމު ބަލައިގަންނަ ވަގުތު އެ ފޯމް ހިފައިގެން އަންނަ މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު ނޯޓު ކުރާނެ ކަމަށާއި ނަމަވެސް އެ މައުލޫމާތަށް ޝައްކުވާނަމަ ކޮމިޝަނުން އެ މީހަކާ ސުވާލު ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާއިރު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.

ރީރަޖިސްޓްރޭޝަންގެ އެންމެ ފަހުގެ ތާރީޚެއްގެ ގޮތުގައި ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަސް ހަމަޖައްސާފައިވާއިރު އިއްޔެގެ ނިޔަލަށް ޖުމްލަ 474 ފޯމެއް ވަނީ ރީ-ރަޖިސްޓްރީވުމަށް އެދި ކޮމިޝަނަށް ހުށަހަޅާފައި ކަމަށް ކޮމިޝަނުން ބުނެއެވެ.