ހައި ސްޕީޑް ފެރީ ނިޒާމު ފެށުމުގެ ގޮތުން ހަދަންޖެހޭ ސާވޭތަކުގެ މަސައްކަތް ފަށައިފިއެވެ.

މި ސަރވޭތައް ހެދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމަކުން މިއަދު ގެންދަނީ ހއ. އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކުރަމުންނެވެ.

މި ރަށްރަށަށް ކުރާ ދަތުރުގައި ހައި ސްޕީޑް ފެރީގެ ނިޒާމު ގާއިމްކުރުމަށް ހަދަންޖެހޭ ސާވޭތައް ހަދަމުންގެންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި މަސައްކަތް ފެށުމާ ގުޅޭގޮތުން ލޯކަލް ކައުންސިލްތަކާވެސް މަޝްވަރާކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަސައްކަތް ފެށުމަށް ހަދަންޖެހެ ސާވޭތައް ހެދުމަށް މިއަދު މި ޓީމުން ޒިޔާރަތްކުރުމަށް ނިންމާފައިވަނީ ހއ. ތުރާކުނު، އުލިގަން، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަދި އުތީމަށެވެ.

މުޅި ރާއްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމްކުރުމާއި، ފަސޭހައިގައި ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ގާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް އަމާޒަށް ވާއިރު، މި އަމާޒަށް ވާސިލްވުމަށް މި މަޝްރޫއުގެ ފުރަތަމަ ޒޯންގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ޖުމްލަ 41 ރަށަކަށް މި ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ވަނީ ހަވާލުކޮށްފައެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތުގެ ފުރަތަމަ ޒޯނުގެ މަސައްކަތް ފަށާފައިވާއިރު، މިއަަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރު ހިސާބުގައި މުޅި ރާއްޖެ ގުޅުވާލާ ހައި ސްޕީޑް ފެރީގެ ނިޒާމުގެ ފުރަތަމަ ޒޯނުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އެމްޓީސީސީގެ ސީއީއޯ އަދަމް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތަކީ 6 ޒޯނަކަށް ބަހާލައިގެން ކުރަމުންގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ފުރަތަމަ ޒޯނުގެ މަސައްކަޔް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި 6 ޒޯނުގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.