ދ. މީދޫ ކައުސިލްގެ މެމްބަރުންނަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ކައުންސިލުގެ އެއްވެސް މެމްބަރަކު ޖަވާބުދާރީވެފައި ނުވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިހެން ބުނީ ދ. މީދޫ ކައުންސިލްްްްްް އިންކުއަރީގެ ޚުލާސާ ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ވަނީ މީދޫ ކައުންސިލް މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއްދިން ކަމަށާއި އަދި މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި ދ. މީދޫ ކައުންސިލް އިދާރާގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސައްކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނޭ ކަމަށެވެ.

އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ދ. މީދޫ ކައުންސިލު އިދާރާއިން ހޯދުމަށް އެ އޮތޯރިޓީން ތަކުރާރުކޮށް މަސައްކަތްކޮށްފައިވާނޭ ކަމަށާއި ނަމަވެސް މީދޫ ކައުންސިލު އިދާރާއިން ލޯކަލް ގަވަރމަންޓް އޮތޯރިިޓީއަށް ފޮނުވާފައިވަނީ މަދު ލިޔުންތަކެއް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދ. މީދޫ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ކައުންސިލުގެ ރައީސްއާއި ނައިބު ރައީސް ކައުންސިލަށް ގަވާއިދުން ހާޒިރުނުވުމާއި ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުމުގަ އެލްޖީއޭއިން އެކަމާ ގުޅޭގޮތުން އެކައަޅާފައިވާ އުސޫލާ ޚިލާފުވުމުގެ އިތުރަށް ކައުންސިލުގެ އާންމު ބައްދަލުވުންތައް ގަވާއިދުން ނުބޭއްވުން އަދި އިއުލާން ކުރުމެއްނެތި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުން ހިމެނެއެވެ.

މީގެ އިތުރަށް ދ. މީދޫ ބަނދަރުގެ މަސައްކަތަށް ކައުންސިލުން ހުރަސްއެޅުމާއި މީދޫއިން ގޯތި ދޫކުރުމުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވުމާއި ރައްޔިތުންނާއި އެކު ބާއްވަންޖެހޭ ބައްދަލުވުންތައް ނުބޭއްވުންވެސް ވަނީ ފާހަގަކޮށްފައެވެ.