ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީގޮތުން ލޯންޗުކުރުން މިރޭ އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން މެނޭޖަރ ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ޚަލީލް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީގޮތުން ފެށުމަށް ވަރަށް ޚާއްސަ ރަސްމިއްޔާތެއް މިރޭ 21.00 ގައި އޮންނާނެ ކަމަށެވެ.

މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި މިރަސްމިއްޔާތުގައި ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ވާދަކުރާ 1200 އެއްހާ ކެންޑިޑޭޓުން މިރަސްމިއްޔާތުގައި ބައިވެރިވާނެކަން ފާހަގަކުރައްވާ ޙަލީލް ވިދާޅުވީ، މިއީ ރާއްޖޭގައި އޮންލައިންކޮށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ހަރަކާތައް ވެގެންދާނެ ކަމަށެވެ.

މިހާހިސާބަށް އައިއިރުގަ ސިޔާސީ ޕާޓީއަކުންވެސް އޮންލައިންކޮށް ނުބާއްވާ ވަރުގެ ރަސްމިއްޔާތަކަށް އިރާދަކުރެއްވިއްޔާ މި ރަސްމިއްޔާތު ވެގެންދާނެ. މި އިންތިޚާބަކީ އަހަރެއްހާ ދުވަސް ފަސްވެގެންގޮސްފައިވާ އިންތިޚާބެއް. ފަސްވެގެންމިދިޔައީ ކޮވިޑާއި ގުޅިގެން ކަމަށް ސަރުކާރުގެ ފަރާތުން އެބަބުނޭ. އެހެންނަމަވެސް މިކަމުގަ އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް ފާހަގައެބަކުރެވޭ."
އިންތިޚާބުގެ ކެމްޕެއިން މެނޭޖަރ ޑރ.އަބްދުﷲ ޚަލީލް

ކައުންސިލް އިންތިޚާބު ބާއްވާނެކަން ދިވެހި ރައްޔިތުންނަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ސާފުކޮށްދޭން ޖެހޭކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ އިންތިޚާބަށް ރީ-ރަޖިސްޓްރީ ކުރަން ކޮމިޝަނުން ހުޅުވާލިއިރު ރާއްޖޭގެ ބޮޑު ބައެއް އޮތީ ލޮކްޑައުންއެއްގައި ކަމަށެވެ.

އެހެންކަމުން 10 ދުވަހުގެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށްވެސް ޑރ. ޚަލީލް ވަނީ ފާހަގަ ކުރައްވާފައެވެ.