މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 4 ރަށަކުން މަސްތުވާ ތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިހަތަރު ރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ބ. އޭދަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ، 18 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އޭދަފުށި ޕޮލިސް ސްޓޭޝަނުން މިމަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ރ. އިނގުރައިދޫގައި މި މަހު 5 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އއ. ބޮޑުފޮޅުދުއަށްދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހު 4 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި، އެ ލޯންޗުން ގެނައި ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ތިމަރަފުށީގައި މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި 32 އަހަރާއި 36 އަހަރުގެ ދިވެހި ފިރިހެނުން މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، ކުޑަ 11 ރަބަރު ޕެކެޓު ފެނިފައިވަ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު އެކަކަށް ދީފައިވާއިރު އަނެކަކަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.