ތިރީގައި މިވަނީ އަލްމަރްހޫމް މުހަންމަދު ވަހީދު ނަދްވީ ލިއުއްވާފައިވާ މަޒްމޫނެކެވެ.

***

ހުރަވީ ދުވަސް ނިސްބަތް ވަނީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. އެ ރަދުން މަލަބާރީންގެ އަތުން މި ރާއްޖެ މިނިވަންކުރެއްވި ދުވަހަށެވެ. ޖިހާދަށެވެ. ޤައުމަށްޓަކައި ދިވެހި ދަރިޔަކުވި ޤުރުބާނީ ހަނދާން ކުރުމުގެ ގޮތުންނެވެ. ހުރަވީ ދުވަސް ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ހަމަޖެއްސެވީ އެހެންވެއެވެ. މި ދުވަސް ފާހަގަ ކުރަން ފެށީ 1980މ. ވަނަ އަހަރުގައެވެ.

ދުވަސްވަރަކީ ހިޖުރީ ގޮތުން 12 ވަނަ ޤަރުނުގެ ތެރެއެވެ. މީލާދީ ގޮތުން 18 ވަނަ ޤަރުނެވެ. ދިވެހި ތަޚުތުގައި އިންނެވީ އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނެވެ. މި ރަދުންގެ ރަސްކަމުން 3ވަނަ އަހަރު ކަންނަންނޫރު ޢަލީ ރާޖާ ފޮނުއްވި ހަނގުރާމަ މަތީ ކަނޑުގެ ލަޝްކަރެއް، މަލާބާރީން، ރާއްޖެ އައިސް މާލެ ހިފިއެވެ. އެމީހުން ފުރަތަމަ ކުރި ކަމަކީ މާލެ އަރައި ގަނޑުވަރު ހިފީއެވެ. މިކަން ހިނގީ 1166 ޞަފަރު 13 ވިލޭރޭގައެވެ. އެއީ މީލާދީން 1752 ވަނަ އަހަރެވެ. މި ހާދިސާއަށް ބަލާއިރު ދެތިން ކަމެއް ދިވެހީންގެ ފަރާތުން ފާހަގަ ކުރެވެއެވެ.

އެއް ކަމަކީ ދިވެހީން ކަމަށް ހޭނާރާ ތިބި ކަމެވެ. ޣާފިލުކަންމަތީ ތިބުމެވެ. މަލަބާރީން ތިބީ ހުރިހައިކަމެއް އެނގިގެންނެވެ. އެ މީހުންގެ ރޭވުމެއް އޮތެވެ. މާލޭ ފަޅަށް އެމީހުންނަށް ވަދެވުނީ ކަނޑިންމަ ތަޅުނުލައި ހުރީމައެވެ. ބޮޑު ގަނޑުވަރަށް މަލާބާރީން ވަންއިރު ގަނޑުވަރު ތެރޭގެ އަށިއަށީގައި ފާރަވެރިކަމު ގޮސް ތިބި ފާރަވެރީން ތިބީ ނިދައިފައެވެ. އެމީހުންނަށް ހޭވެރިކަންވީ ބަޑީގެ އަޑަށެވެ. އޭރު ބަޑިޖަހައި މީހުން މަރައި މީހުން ހިފައި ހައްޔަރުކުރަމުން ގެންދަނީއެވެ. އޭރު ރަދުން އޮންނެވީ ގަނޑުވަރުގައެވެ. އަވަހާރަފުޅަށެވެ.

ދެވަނަ ކަމަކީ ޚުދު ރަދުންނަށް ދުޝްމަނުންނަކީ "ދުޝްމަނުން" ކަން ވިސްނިވަޑައި ނުގަތްކަމެވެ. އެރޭ ގަނޑުވަރު ތެރޭގައި މަލަބާރީން ބަޑިޖަހަން ފެށީމާ ރަދުން ސިއްރު ސިއްރުން ވަޑައިގަތީ މާފަންނުގައި ހުރި ރަދުންގެ ގަނޑުވަރަށެވެ. ދެން ވަޒީރުންނާއި ލަޝްކަރީން ފޮނުއްވައިގެން މަލަބާރީ ހަނގުރާމަވެރިން ގަނޑުވަރުން ބޭރު ކުރެއްވިއެވެ. ނަމަވެސް އޭގެ ތެރެއިން މީހަކު ފިލައިގެން ގޮސް ނާބުސްޚާނައިގައި ހުޅުޖަހައި ރޯކޮށްލިއެވެ. މިކަމުގެ ސަބަބުން މުޅި އެތެރެކޯލާއި މާލޭގެ ދެބައިކުޅަ އެއްބައި ގެތައް އަނދައި ހުލިވިއެވެ.

މިހިސާބަށް ކަންތައް ދިއުމުން ރަދުން ގަސްތުކުރެއްވީ މަލަބާރީންނާއި ސުލްހަވެ ވަޑައިގަތުމަށެވެ. މި އެދުންފުޅުގެ ވާހަކަ އެ މީހުންނަށް އެންގެވީމާ އެމީހުން މި "ރަނުގެ ފުރުޞަތު" ގެ ބޭނުން ހިފިއެވެ. އެމީހުން ދެންނެވީ ތިމަންމެން ގާތަށް ވަޑައިގަންނަވާށެވެ. ރަދުންނާއި އިސް ބައެއް ވަޒީރުން ވަޑައިގަތުމުން އެ އެންމެ ބޭފުޅުން ހިފައި ހައްޔަރުކޮށްފިއެވެ. އެ ބޭފުޅުން ގޮވައިގެން އެ މީހުންގެ ބަޔަކު ދިޔައީ ކަންނަށްނޫރަށެވެ. ވެރިކަން ހިންގާނެ ބަޔަކު މާލޭގައި ބައިތިއްބައިފައެވެ.

މި ހާދިސާއިން ފާހަގަކުރެވުނު ތިންވަނަ ކަމަކީ: މިކަން މި ހިނގީ ދިވެހި ބައެއްގެ ސަބަބުން ކަމެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި ދީން ގެއްލި ބޭރު ބައެއްގެ އަތްމައްޗަށް ރާއްޖެ މިދިޔައީ ދިވެހި ދެ ބޮޑުންގެ ސަބަބުން ކަމެވެ.

މިއީ އާދައިގެ ދެ ބޮޑެއް ނޫނެވެ. އޭރު މާލޭގައި ތިބި އެންމެ ތަންދޮރު ދަންނަ ދެ ބޮޑުންނެވެ. އަދި ކޮބައިތޯއެވެ. ދެ ދަންނަބޭކަލުންނެވެ. އޭރުގެ ފަނޑިޔާރު މަނިކުފާނު މުޙައްމަދު ޝަމްސުއްދީނާއި މާލޭ ޚަޠީބު އަޙްމަދު މުޙްޔިއްދީނާ ދެ ބޭފުޅުންނެވެ.

މި ދެ ބޭފުޅުން ތަކުރާރުކޮށް ޢަލީ ރާޖާއަށް ދިވެހިރާއްޖެ ހިއްޕަވައި އިސްލާމްދީން "ސަލާމަތްކޮށް ދެއްވުމަށް" އެދިވަޑައިގެން ފޮނުއްވި ސިޓީފުޅުތަކުގެ ސަބަބުންނެވެ. އަދި ކޮބައިތޯއެވެ. ރާއްޖެ ހިފޭނެ ގޮތްވެސް މި ސިޓީފުޅުތަކުގައި ވިދާޅުވެ ދެއްވައިފައިވެއެވެ.

މަލަބާރީން ކަންނަންނޫރަށް ގެންދިޔަ ވަޒީރުންގެ ތެރޭގައި ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިންގެ ބައްޕާފުޅު އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި ދޮންބަންޑާރައިންގެ ބޭބޭފުޅު ޙުސައިން މަނިކުފާނުވެސް ހިމެނިވަޑައިގަނެއެވެ.

ދޮންބަންޑާރައިންނަކީ މުލީގޭ ދޮން ޙަސަން މަނިކުފާނެވެ. އޭނަގެ ބައްޕާފުޅަކީ މާލެ އަތޮޅު ހުރާ – މި ރަށަށް އުފަން ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ ޙުސައިން ދަހަރަދަ ކަލޭގެފާނުގެ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނެވެ. މަންމާފުޅަކީ މ. އަތޮޅު މުލީ އަލްޚަޠީބު މުޙައްމަދު ތަކުރުފާނުގެ މުލީގޭ ކުޑަ އާމިނާ މަނިކުފާނެވެ. ދޮންބަންޑާރައިންގެ އަނބިކަނބަލަކީ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ ކަކާ ޢަލީ މާފަތް ތަކުރުފާނުގެ އާމިނާ ބޮޑުދީދީއެވެ. މިއީ ދޮންބަންޑާރައިންގެ ބައްޕާފުޅާ ދެ ބޭއިންގެ ދެ ދަރި ބޭފުޅެކެވެ.

ދޮންބަންޑާރައިންނަކީ ހުރާ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނެވެ. އެ ރަދުންގެ ދަރިކޮޅު ވަނީ އަދާ ހަމައަށް ވެސް ދިގުލައިދެމިފައެވެ. އެ ރަދުންގެ ދެ ބޭފުޅަކާއި ކާފަ ދަރިކަލަކު ރަސްކަން ކުރެއްވިއެވެ. އަދި އެ ރަދުންގެ ދަރިކޮޅުގެ އެތައް ބޭފުޅަކު ވަނީ ރަސްކަން ކުރައްވައިފައެވެ.

ދޮންބަންޑާރައިން ރައްކާވީ އަދި ދިރިއުޅުއްވީ މާލޭ މެދުޒިޔާރަތް މަގުގައި އެހެރަ "މުލީއާގެ" ކިޔާ ގޭގައެވެ. އޭރު އެއީ "މުލީގެ" ގެއެވެ. އެ ގެއަކީ ދޮންބަންޑާރައިންގެ މަންމާފުޅު ފަރާތުގެ ކާފަގެ ގެއެވެ. އެގެ ފަހުން ވާރުތަވީ އެ ރަދުންގެ ދަރިކޮޅުން ރަސްކަންކުރެއްވި އައްސުލްޠާން ޝަމްސުއްދީނަށެވެ. އާދެ، މުލީގޭ މަނިއްޕުޅެވެ. ދޮންބަންޑާރައިންނަކީ މި ރަދުންގެ ހަތަރުވަނަ ކާފާފުޅެވެ.

ދީނުގެ ނަމުގައި އެ ދެ ބޭފުޅުން، ފަނޑިޔާރު މަނިކުފާނާއި ޚަޠީބު ތަކުރުފާނު މި ހިންގެވި މުއާމަރާއަކީ ޢާއިލީ ގޮތުން ރަސްކަމާ ގުޅިވަޑައިގެންފައި ވުމުން ހިންގެވި މުއާމަރާ އެކެވެ. ޚަޠީބު އަޙްމަދު މުޙްޔިއްދީން ހުންނެވީ އިބްރާހީމް ރަސްގެފާނުގެ ފާޠިމާ ރަނިކިލެގެފާނާ ކައިވެނި ބައްލަވައިގެންނެވެ. މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު މަނިކުފާނު ވެސް ހުންނެވީ އެ ރަދުންގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެން ކަމަށް ބައެއް މުއައްރިޚުން ލިޔުއްވައެވެ.

ދޮންބަންޑާރައިންނާ އެއްބަނޑު ވަކި ބަފާ ބޭފުޅަކު ހުންނެވިއެވެ. އެއީ ޢާއިޝާ މަނިކުފާނެވެ. ދޮންބަންޑާރައިންގެ ބައްޕާފުޅު މަލަބާރީން ކަންނަންނޫރަށް ގެންދިއުމަށް ފަހު އެތާނގައި އަވަހާރަވީއެވެ. އޭގެ ފަހުން ދޮންބަންޑާރައިންގެ މަންމާފުޅު ކައިވެނި ބެއްލެވީ މުޙައްމަދު މުޙިއްބުއްދީން ޝެއިޚުލް އިސްލާމް ފަނޑިޔާރު މަނިކުފާނާއެވެ. މަލަބާރީން ރާއްޖެ ހިފައިގެން ތިބި ދުވަސްވަރު ފަނޑިޔާރު ކަމުގައި ހުންނެވީ މީނާއެވެ.

ހޮޅިން ރާއްޖޭގައި ވެރިކަން ކުރާތާ ހަތަރު މަހެއްހައި ދުވަސްވީ ތަނާ މުލީގޭ ޙަސަން މަނިކުފާނު ހޮޅިންނާ ހަނގުރާމަ ކުރައްވައި ރާއްޖެ މިނިވަން ކުރެއްވިއެވެ. މިކަން ހިނގީ 1752މ. ވަނަ އަހަރުއެވެ. ދޮންބަންޑާރައިން ހޮޅިންގެ އަތުން ރާއްޖެ ހިއްޕެވީ އުކުޅާއި ޙިކުމަތުންނެވެ. މިކަމުން އެ ރަދުންގެ ވިސްނުންފުޅު ތޫނުކަން އެނގެއެވެ.

ދޮންބަންޑާރައިން ހޮޅިންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލި ކުރެއްވުމުން 20،000 ލާރި ހިފައިގެން ރައްޔިތުންނާއި ބޮޑުން އެ މަނިކުފާނުގެ އަރިހަށް އައިސް އެ ތަކެތި ވެދުމަށް އަރުވައި ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވުމަށް އެދި ދެންނެވިއެވެ. ނަމަވެސް ލޯ ލާރިއެއްވެސް ބޭނުންފުޅެއް ނުކުރެއްވިއެވެ. އަދި ކީއްތޯއެވެ! އެ ފައިސާ ހަވަރަށް ބެއްސެވީއެވެ. ރަސްކަން ވެސް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އިބްރާހީމް ރަސްގެފާނުގެ އާމިނާ ކަނބާފާނު ރަސްކަމަށް ވަގުތީގޮތުން ލައްވައިގެން ކުރީގެ ރަސްގެފާނުގެ ނަންފުޅުގައި ތާނިޔާ ކިޔާ ސިއްކަފުޅު ހިންގެވިއެވެ. އަދި މިވަރުން ފުއްދަވައި ލެއްވީކީ ނޫނެވެ. ހޮޅިން ގެންދިޔަ ރަދުންނާއި އެ ރަދުންނަށް ބޮޑުބޭބޭފުޅު ވިދާޅުވާ މުޙައްމަދު މަނިކުފާނާއި ދެ ބޭފުޅުން ހޯއްދަވަން ދެ އޮޑި ފުރުއްވެވިއެވެ. މި މުޙައްމަދު މަނިކުފާނަކީ ފަހުން އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު ރަދުންނެވެ.

ދުވަސްކޮޅަކުން މުލީގޭ ޙަސަން މަނިކުފާނަށް އަސްކަރުންގެ ވެރިކަން ދެއްވައި އޭގެ ފަހުން ރަންނަބަނޑޭރި ކަމަށް ކޮލި ލައްވައިފިއެވެ. މި އަހަރު، ހިޖުރައިން 1166 ވަނަ އަހަރު ޙައްޖުމަހު އަނެއްކާ ޢަލީ ރާޖާ މަލަބާރީންގެ ކަނޑުމަތީ ލަޝްކަރެއް ހަނގުރާމައަށް ފޮނުއްވިއެވެ. މި މީހުން ދޮނަކުޅީގައި ބަނދަރު ކޮށްގެން ތިބެ ރަށްރަށަށް އަރައި މީހުންގެ މުދާ ފޭރި މީހުން މަރައި ރަށްރަށުގައި ހުޅުޖަހައި ހެދިއެވެ. މި ޚަބަރު މާލެއަށް ލިބުމުން ޙަސަން ރަންނަބަނޑޭރި މަނިކުފާނު (ދޮންބަންޑާރަ) ހަނގުރާމައިގެ އަރުމާދު ހައްދަވައި ހަނގުރާމައަށް ފުރައިވަޑައިގަތެވެ. މި ހަނގުރާމައިން ނަޞްރާއި ފަތަޙަ ލިބިވަޑައިގަތުމަށް ފަހު އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނޭ ކިޔައި ނަންދެއްވިއެވެ.

ދޮންބަންޑާރައިން ރަސްކަންކުރެއްވީ 1759މ.އިން 1766މ.އަށެވެ. މި ރަދުން އަވަހާރަވީ 2 ރަމަޟާން 1180 (1 ފެބުރުވަރީ 1767)ގައެވެ. ފަސްދާނުލީ މާލޭގެ ހުކުރު މިސްކިތު ޤަބުރުސްތާނުގައިވާ އިބްރާހީމް ރަސްގެފާނު ޒިޔާރަތުގައެވެ. މާތްރަސްކަލާނގެ އެ ރަދުންގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. ކީރިތިﷲ މި ރާއްޖެ މިނިވަންކަމާއި އަމާންކަން މަތީ އަބަދުމެ ލަހައްޓަވާށިއެވެ. އާމީން!