މުޅި ރާއްޖެއިން މިހާތަނަށް 145،000 އަށްވުރެ ގިނަމީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދެމުންދާއިރު، އެޗްޕީއޭއިން ގެންދަނީ ރާއްޖެއިން ވެކްސިން ޖަހާ މީހުންގެ އަދަދުތައް އާންމު ކުރަމުންނެވެ.

އެގޮތުން އިއްޔެ މުޅި ރާއްޖެއިން 6،941 މީހަކު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުން ވެކްސިން ޖެހީ 2،154 މީހުން ކަމަށާއި، އަތޮޅުތެރެއިން 4،787 މީހަކު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 145،768 އަށް އަރާފައެވެ.

މީގެ ތެރެއިން 87،045 މީހަކު މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވާކަމަށާއި، އަތޮޅުތެރެއިން 58،823 މީހަކު ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، މުޅި ރާއްޖޭގައި ޖުމްލަ 179 ސެންޓަރަކުން ވެކްސިން ޖަހައިދެމުންދާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އަތޮޅުތެރޭގައި 169 ސެންޓަރަކުން ވެކްސިން ޖަހައިދެމުންދާ ކަމަށާއި، ގްރޭޓަރ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ޚާއްސަ 8 ސެންޓަރެއް ގާއިމްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ދެ މޯބައިލް ޓީމް މާލެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށްވެސް ބުނެފައެވެ.

މާލެ ސަރަހައްދުގައި މިވަގުތު ވެކްސިން ދެމުންދާ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖްލިސް އަދި ޓްރީޓޮޕް ހޮސްޕިޓަލެވެ.

ކޮވިޑް-19 ބަލިން ދިފާއުވުމަށް ރާއްޖޭގައި ބޭނުންކުރަމުންދާ ވެކްސިނަކީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި، އެސްޓްރަޒެނެކާއިން ގުޅިގެން ތަރައްގީކޮށް، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.