ދެ ޑޯޒް ވެކްސިން ޖެހުމުން، ކަރަންޓީނުވާން ނުޖެހި ރަށްރަށަށް ދަތުރުފަތުރު ކުރެވޭނެގޮތް ހެދުމުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ، ދެ ޑޯޒް ވެކްސިން ޖަހާފަތިބި މީހުންނަށް ދަތުރުކުރުމުގަ ހުރަސްތަކެއް ދުނިޔޭގައިވެސް ނޫޅޭ ކަމަށާއި، ދިވެހިރާއްޖޭގަވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގަ ދަތިތަކެއް އުޅެގެން ނުވާނެ ކަމަށެވެ.

މިކަމާ ބެހޭގޮތުން މިހާރު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ވާހަކަ ދައްކަމުން ގެންދަވާ ކަމަށާއި، އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، ރާއްޖޭގައި ދެ ޑޯޒް ދޭންވާއިރަށް އެކަމަށް ގޮތެއް ނިންމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު، ދިވެހިރާއްޖެއިން ނިންމާފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ކަމަށެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ، ކޮވިޑް-19 އަށް ވެކްސިން ދިނުމުގައި ދިވެހިރާއްޖެ މިހާރު ހިމެނިފައިވަނީ ދުނިޔޭގެ އެންމެ ކުރީގައިއުޅޭ ގައުމުތަކުގެ ތެރޭގައިކަމަށެވެ.

ހަމަ އެއާއެކު، ރާއްޖެއިން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މިހާރު ދަށަށްދާން ފަށައިފިކަމަށް ފެނިވަޑައި ގަންނަވާ ކަމަށާއި، ވެކްސިން ދިނުމާއެކު، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ބެލެހެއްޓޭނަމަ މިކަން ކާމިޔާބުވާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އަލުން ލޮކްޑައުންއަކަށް ގޮސްދާނެތޯ ސުވާލު ކުރުމުން މިނިސްޓަރ ނަސީމް ވިދާޅުވީ، އަލުން ލޮކްޑައުންއަކަށް ނުދާނެ ކަމަށެވެ.

ކޮވިޑްބަލީގައި ގިނަ ދުވަސްތަކެއް ހޭދަކުރެވުމުން، ލޮކްޑައުންއެއް ކަހަލަ ގޮތަކަށް ތިބެގެން އާންމުން ހިތްހަމަނުޖެހޭ ކަމަށާއި، އެގޮތަށް ދެން ނުވެސް އުޅެވޭނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެހާ ގިނަދުވަސްވީމާ، ފިޔަވަޅު ނޭޅިޔަސް "އޯކޭ" ކަމަށް އާންމުންނަށް ފެންނަން ފަށައިފި ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ބޭފުޅުންވެސް އުޅުއްވަން. އެއީ، ދެން ކުޑަ ދުވަސްކޮޅެއް އަޅުގަނޑުމެން މީގަ ހިފަހައްޓާލަން ޖެހޭނީ އިރާދަ ކުރެއްވިއްޔާ. އެއީ، ވެކްސިނުންވެސް ވަރަށް ބޮޑު ޕްރޮޓެކްޝަނެއް ލިބޭނެ އިނގޭތޯ. ވެކްސިންގެ ޕްރޮޓެކްޝަން އަޅުގަނޑުމެންނަށް މިލިބެނީ ދުވަސްކޮޅެއް ވީމަ"
ހެލްތު މިނިސްޓަރ އަހްމަދު ނަސީމް

އެހެންވެ، ހުރިހާ އެންމެން ވެކްސިން ޖެހުމަށް މިނިސްޓަރ ނަސީމް އިލްތިމާސް ކުރައްވާފައި ވެއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއިންވެސް ވެކްސިން ޕާސްޕޯޓެއް ތައާރަފް ކުރަން ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ވެކްސިން ޕާސްޕޯޓް އޮތްކަމަށް ވަނީވިއްޔާ ހުރިހާ ތާކަށްވެސް ދަތުރު ކުރެވޭނެ ކަމަށާއި، ކުރިއަށް މިއޮތް ތިން ހަތަރުމަސް ތެރޭގަ އެކަން ކުރެވޭނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ހުރިހާ އެންމެންވެސް ވެކްސިން ޖެހުން. ވެކްސިން ނުޖަހާކަމަށް ވަނީވިއްޔާ ދަތިތަކެއްވެސް ދިމާވާނެ. އެއީ ވެކްސިން ނުޖަހާ ދަތުރުފަތުރު ކުރުމަށްވެސް އުނދަގޫވާނެ ނޫންތޯ. ދުވަސްކޮޅަކުން މަތިންދާ ބޯޓަށްވެސް ނާރުވާނެ ވެކްސިން ނުޖަހައްޏާ. އެހެންވީމާ، ޜާއްޖެއިން ބޭރަށް ދަތުރުކުރަންވެސް އުނދަގޫވާނެ"
ހެލްތު މިނިސްޓަރ އަހްމަދު ނަސީމް