ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފިއެވެ.

ކޮވެކްސްއަކީ، ފަގީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ.

މި އިނީޝިއެޓިވް އުފައްދާފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީ.އީ.ޕީ) އައި، ގްލޯބަލް އެލާޔަންސް ފޯރ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ)، އަދި ޔުނިސިފް ގުޅިގެންނެވެ.

މި އިނީޝިއެޓިވް އިން ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް މިއަދު ރާއްޖެއަށް ހަދިޔާކޮށްފައި ވާއިރު، މީގެކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖު އަދި އެހެނިހެން އާލަތްތައް ކޮވެކްސް ފެސިލިޓީން ވަނީ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ.

އެގޮތުން މިހާތަނަށް ޖުމްލަ 145,768 އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ، ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ޤައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއްނެތި، ހަމަހަމަކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަދިޔާކޮށްފައިވާ ކޮވިޝީލްދް ވެކްސިނެވެ.

މީގެ އިތުރުންވެސް އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު 1 ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމަށް ވަނީ ނިންމާފަފައެވެ. އަދި ޗައިނާއިންވެސް ވަނީ އެގައުމުގެ ސިނޮފަރމް ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައެވެ.

މީގެއިތުރުން ހެޔޮއެދޭ ފަރާތަކުންވެސް 2 ފަހަރެއްގެމަތިން ރާއްޖެއަށް 10،000 ޑޯޒްގެ ސިނޮފާރމް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށް އެޗްޕީއޭއިން ކުރިން ހާމަކޮށްފައި ވެއެވެ.