މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު ބާރުތައް ފުށުއަރާތީ، ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި ވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިހާރު ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި، މާލޭގެ ދާއިރާތާކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ކެންޑިޑޭޓުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

އެހެންވެ، ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި ވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެހިކަލް ރަޖިސްޓަރީ ކުރުމުގަވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އުޅޭ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު މަސައްކަތްތަކަށް ހަލުވި ކަމެއް އަންނާނެ ކަމަށް ރައީސް ސާޅިހް ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއްވެސް ހުރުމާ އެކީގަ އެބަ މައްސަލަތަކެއް ނުކުމޭ. މިހާރު އަޅުގަނޑުމެން ވާނެ ރައްޔިތުންގެ މަޖިލީހަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ހުށަހަޅާފަ. އެއާ އެކީގަ މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކަކާ އެކީގަ ހަލުވިކަމެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެނީ" ރައީސް އިބްރާހިމް މުހަންމަދު ސާލިހް

ވެހިކަލްތަކުގެ ކަންކަން ބެލެހެއްޓުމާއި، ރަޖިސްޓަރީގެ ކަންކަން ކުރުމުގައި ސިޓީ ކައުންސިލްތަކަށްވެސް ދައުރެއް އަދާ ކުރެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

އެގޮތުން، ހުރިހާ ސިޓީތަކެއްގެ ވެހިކަލްތައް ބެލެހެއްޓުމާއި، ރަޖިސްޓަރީ ބެލެހެއްޓުން، ލާމަރުކަޒީ ކޮށްގެން އެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލެވިއްޖެއްޔާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފަސޭހަތަކެއް ލިބި، އެއީ، މައި ސަރުކާރަށް ލުއިތަކެއް އަންނާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިސްރާބު ޖަހާނީ އެދިމާއަށް ކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހަންމަދު ސާލިހް، މިމޭރުމުން ވާހަކަފުޅު މިދެއްކެވީ، ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ޚިދުމަތްތަކާމެދު ހިތްހަމަ ނުޖެހިގެން އާދީއްތަދުވަހު ބަޔަކު އެ އޮތޯރިޓީގެ އޮފީސް އިމާރާތުގެ ތެރޭގައި އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.