ކޮންމެ ކަމެއްވެސް އަލަށް ފަށައިގަންނައިރު، ވަރަށް އުސް އޮޅިތަކެއް ގިރާކުރަންޖެހޭނެކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔަ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވީ ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަފްތާގެ އައްޑަނައަށް މިހަފްތާ ލިޔުއްވި ލިޔުމުގައެވެ.
މި ލިޔުމުގައި މިނިސްޓަރ މާރިޔާ ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި ޤައުމީ ދިފާޢީ ބާރުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެންމެހާ ކަނބަލުންނަށާއި، އެބައެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަނބަލުން މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ލީޑަރޝިޕަށާއި، ކަނބަލުންނާ އެއް މައިދާނެއްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ސިފައިންގެ ބޭކަލުންނާއި، އެންމެހާ ސިފައިންގެ އާއިލާތަކަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ނަންފުޅުގަޔާއި، އެކަމަނާގެ އަމިއްލަ ނަމުގައި، އަރިސްކުރައްވާފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ވާއިރު، ކޮންމެ ކަމެއް އަލަށް ފަށައިގަންނައިރު، ވަރަށް އުސް އޮޅިތަކެއް ގިރާކުރަންޖެހޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަންވާނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެއެވެ.
ފިރިހެނުން ގިނަ ތަނަކަށް އައިސް، އަންހެނަކަށް ވީތީ، ތިމާއަށް ވަކި ކަމެއް ނުކުރެވޭނެކަމަށް ބުނުމުގެ ބަދަލުގައި، ކެރިގެން ނިކުމެ، ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫޙު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް މިނިސްޓްރު ވިދާޅުވެފައިވެއެވެ.
ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، އަންހެން ސިފައިން އާދަޔާޚިލާފު ކުރިއެރުންތަކެއް ޙާސިލްކުރައްވާފައިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މިއަދު، އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި، ލަފާދޭ މަޖިލީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިއްބަވާއިރު، އެ ދެއޮފިސަރުންނަކީވެސް އަންހެން ބޭފުޅުންކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެކަމަށާއި، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި، ފުރަތަމަ ފަހަރަށް ދިވެހި އަންހެން އޮފިސަރ ކެޑޭޓަކު ގެންދަވަނީ ކޮމިޝަނިންގ ކޯހެއް ފުރިހަމަކުރައްވަމުންކަމަށެވެ.
ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި، އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަމުގެ ސަޤާފަތް ޤާއިމްކޮށް، ކުރިއެރުވުމަށްޓަކައި ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުން އެދުމަކީ އެކަމަނާގެ ދުއާކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެއެވެ.