ރާއްޖޭގެ ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ވަކިން ޚާއްސަކޮށް މަޖިލީހުގައި މިހާރު އަންހެނުން ޝާމިލްވާ މިންވަރަށްވުރެ އިތުރުކުރުމަށް އެންމެންވެސް މަސައްކަތްކުރަން ޖެހޭ ކަމަށާއި ޚާއްސަގޮތެއްގައި ސިޔާސީ ޕާޓީތަކުގެ ދައުރު މިކަމުގައި ބޮޑު ކަމަށެވެ.

ޕާޓީތަކުން އަންހެނުންނަށް ޓިކެޓު ފަސޭހައިން ލިބޭގޮތް ހަމަޖެހިފައިވާނަމަ އަންހެނުން ތަމްސީލުވާ މިންވަރު އިތުރުވާނެ. މިހާރު މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ އެމްޑީޕީގެ ފަރާތުން 4 އަންހެން އިއްޒަތްތެރި މެމްބަރަކު އެބަތިއްބެވި."
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކޮށް ޕްރައިމަރީގައި ޓިކެޓު ގެއްލުނު އަންހެން ބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ކުޑަކޮށްވެސް ފަހަތަށްޖެހެންވީ ބޭފުޅުން ނޫންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ޓިކެޓު ގެއްލުނު އަންހެން ބޭފުޅުންނަކީ ސިާސީގޮތުން ގާބިލްކަން ނެތް ބެފުޅުންނެއް ނޫން ކަމަށެވެ.

އަންހެނުންގެ ބާރުވެރިކަން ކުޑަކުރުމަށް ވަކާލާތުކުރާ އެހެން ފަލްސަފާއެއްގެ އަޑު ބާރުކޮށް އަޑު އިވެމުންދާ ކަމަށާއި މިކަމުގައި އެންމެ ކަންބޮޑުވާ ކަމަކީ އެކަންކަމަކީ ދީނުގެ ނަމުގައި ދައްކާ ވާހަކަތަކެއްގެ ގޮތުގައި އެފަދަ ފަރާތްތަކުން ދެކޭތީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.