ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މިސީޒަނުގައި ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ޑޮމިނޭޓް ކުރަމުންއަންނަ އެތްލެޓިކޯ މެޑްރިޑް ވާދަކުރި "މެޑްރިޑް ޑާބީ" މެޗު އެއްވަރުވެ ލީގުގެ ޓައިޓަލްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

އެތްލެޓިކޯ މެޑްރިޑުގެ ދަނޑުގައި ކުޅުނު މިމެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާއިއެކު އެއްވަނައިގައި އޮތް އެތްލެޓިކޯ އާއި ދެވަނައިގައި އޮތް ބާސާ އާއިދެމެދު އޮތީ އެންމެ ތިން ޕޮއިންޓްގެ ތަފާތެވެ. އަދި ތިންވަނައިގައި އޮތް ރެއާލް އާއި އެތްލެޓިކޯ އާއިދެމެދު އޮތީ ފަސް ޕޮއިންޓުގެ ތަފާތެވެ. އެހެންނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެތްލެޓިކޯ އާއި މި ދެޓީމާއި ދެމެދު 10 ޕޮއިންޓަށްވުރެ ބޮޑު ފަރަގެއްވެސް އޮތެވެ. ފަރަގު ކުޑަވިނަމަވެސް ރެއާލް އާއި ބާސާ މިހާތަނަށް 26 މެޗު ކުޅެފައިވާއިރު އެތްލެޓިކޯ ކުޅެފައިވަނީ 25 މެޗެވެ.

ރޭގެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ޕޮސެޝަން އިންސައްތަ ރެއާލުން ޑޮމިނޭޓް ކުރިނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު އެތްލެޓިކޯ އިންވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑުނަގާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މިއީ މާކޮސް ލޮރެންޓޭގެ އެހީތެރިކަމާއިއެކު ސުއަރޭޒް ކާމިޔާބުކުރި ލަނޑެކެވެ.

ބަލިވާންދިޔަ ރެއާލް އިން ނަތީޖާ ހަމަހަމަކޮށް ލީގުގެ "ޓައިޓަލް ރޭސް" ހުޅުވާލާ، ލީގުގެ ތަށި ދިފާއުކުރުމުގެ އުންމީދު އަނެއްކާވެސް ކޮންމެވެސް ވަރަކަށް އައު ކޮށްދިނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮސް ކަސަމީރޯގެ އެހީތެރިކަމާއިއެކު ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިއީ ބެންޒެމާ ރެއާލަށް ކުޅެދިން 371 ވަނަ މެޗް- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުގައި އިތުރު ލަނޑެއް ޖެހުމުގެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައިރު އެންމެގިނަ ފުރުސަތުތަކެއް ލިބިފައިވަނީ އެތްލެޓިކޯ އަށެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ސުއަރޭޒް އަށް ލިބުނު ފުރުސަތުގެ އިތުރުން ކަރަސްކޯ އާއި ލޮރެންޓް ފޮނުވާލި ހަމަލާތައްވެސް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިހަމަލާތަށް ގޯލަށް ވަނުމަށް ހުރަހަކަށް ވެގެންދިޔައީ ރެއާލްގެ ތަޖުރިބާކާރު ކީޕަރު ކޯޓުއާއެވެ.

މިނަތީޖާ އާއިއެކު އެތްލެޓިކޯ ތާވަލުގެ އެއްވަނައިގައި މިހާރު އޮތީ 25 މެޗުން 59 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ބާސާ 26 މެޗުން 56 ޕޮއިންޓާއިއެކު އޮތްއިރު އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތާވަލުގެ ތިންވަނައިގައި އޮތި 26 މެޗުން ލިބުނު 54 ޕޮއިންޓާއިއެކުގައެވެ.