އިންޑިއާ ވިސާ ހެދުމަށް މިހާރު އޮންލައިކޮށް އެޕޮއިންޓްމެންޓް ހެދޭނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ވިސާއަަށް އެދުމުގެ ހިދުމަތް އޮންލައިންކޮށް ދިނުމަށް އިންޑިއަން ހައި ކޮމިޝަނުން ނިންމާފައިވާއިރު، އިންޑިއާއަށް ބޭސްފަރުވާއަށް ދާ ފަރާތްތަކުން ވިސާ ހޯދުމަށް ހުށަހަޅަންޖެހޭ ފޯމުތައް ހުށަހެޅުމުގައި ދިމާވި ދަތިތަކުގެ ސަބަބުން، ހައި ކޮމިޝަނުން ފޯމުތައް ބަލައިގަންނަން ފެށުމުގެ އެތައް އިރެއް ކުރިން ކިޔު ހަދައިގެން އިންޑިއާގެ ހައި ކޮމިޝަން ކައިރީ ތިބޭ މައްސަލަ މީގެ ކުރިން އެކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

މިކަމާއި ގުޅިގެން އިންޑިއާއަށް ދާ ދިވެހިންނަށް ވިސާ ހޯދުމަށް ފޯމް ހުށަހެޅުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އިންޑިއާ ހައި ކޮމިޝަނުން އޭރު ބުނެފައިވެއެވެ.

އެކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިސާއަށް ފޯމު ހުށައެޅުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން، ވިސާ އެޕްލިކޭޝަން އެޕޮއިންޓްމެންޓް ހެއްދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާނެކަމަށެވެ.

އެގޮތުން އިއްޔެއިން ފެށިގެން ވިސާ އެޕްލިކޭޝަން (https://indianvisaonline.gov.in/visa/index.html) އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު ވިސާ އެޕޮއިންޓްމެންޓް ވެބްސައިޓް (https://hcimv-consularappointment.com/)އަށް ވަޑައިގެން އެންމެ އަވަހަށް ލިބެން އޮތް އެޕޮއިންޓްމެންޓް ހިޔާރުކުރުމުން، އެޕޮއިންޓްމެންޓް ހެއްދޭނެކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.

މި ބަދަލާއެކު އެޕޮއިންޓްމެންޓް ހެއްދުމަށް އިންޑިއާ ހައި ކޮމިޝަންގެ ހޮޓްލައިން ނަމްބަރު 7563947 ބޭނުމެއް ނުކުރެވޭނެކަމަށް އެކޮމިޝަންގެ ބުނެއެވެ.

މިއީ ވިސާ އެޕްލިކޭޝަން މަރުހަލާ ޑިޖިޓަލްކޮށް، ސްޓްރީމްލައިންކުރުމަށް ހައި ކޮމިޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެސްފައިވާ ބަދަލެއްކަމަށް އެ ކޮމިޝަނުން ބުނެއެވެ.