ބާސާގެ ރައީސް ކަމުގެ މަގާމަށް މީގެކުރިންވެސް އެމަގާމުގައި ހުރެ އެކުލަބަށް އެތައް ކާމިޔާބީއެއް ހޯދައިދިން ޖޮއާން ލަޕޯޓާ އިންތިޚާބުކޮށްފިއެވެ.

ގިނަ މައްސަލަތަކަކާއި ކުރިމަތިވެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާސާގެ ރައީސް ކަމުގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއު އިސްތިއުފާދެއްވުމާ ގުޅިގެން ބާއްވަން ތާވަލުކުރި އިންތިޚާބު ތަފާތު އެތައް ސަބަބުތަކަކާއި ގުޅިގެންވަނީ ވަރަށް ބޮޑުތަނުން ފަސްކުރެވިފައެވެ.

ގޮންޖެހުން ތަކަކާއިއެކުވެސް އިއްޔެ މި އިންތިޚާބު ބޭއްވުނުއިރު ލަޕޯޓާ މަގާމަށް އިންތިޚާބުވީ ވޯޓުލީ މީހުންގެ 54.28 އިންސައްތަ ވޯޓާއެކުއެވެ. އެއީ ޖުމްލަ 30،184 ވޯޓެވެ. ދެން މި އިންތިޚާބުގައި ވާދަކުރެއްވި ފޮންޓަށް 16،679 ވޯޓާއެކު 29.99 އިންސައްތަ ލިބިވަޑައިގެންނެވިއިރު، ފްރެއިޒާއަށް 4،769 ވޯޓާއެކު ލިބިވަޑައިގެންނެވީ އެންމެ 8.58 އިންސައްތައެވެ.

ބާސާގެ އެންމެ ކާމިޔާބު ދުވަސްތައް ނުވަތަ "ގޯލްޑަން ޑޭސް" ގެ ގޮތުގައި ނިސްބަތްކުރެވުނު ދުވަސްވަރު ބާސާގެ ރައީސްގެ މަގާމުގައި ލަޕޯޓާ ހުރިއިރު އެކުލަބުންވަނީ 2008-2009 ވަނަ އަހަރުގެ ސީޒަނުގައި ހަ ތަށި ކާމިޔާބުކޮށްފައެވެ. އަދި ލަޕޯޓާގެ ދައުރުގައި ބާސާއިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި، ފީފާ ކުލަބު ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އުފުލާލާފައެވެ.

ބާސާގެ އައު ރައީސްގެ މަގާމާއި ލަޕޯޓާ ހަވާލުވާއިރު އެކުލަބު މިހާރު އޮތީ މާލީގޮތުން ދުވަހަކުވެސް އެކުލަބުން ކުރިމަތިލާން ނުޖެހޭފަދަ ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހުފައެވެ. އަދި ފާއިތުވީ ގާތްގަނޑަކަށް 17 ވަރަކަށް އަހަރުދުވަސް ތެރޭގައި އެކުލަބުން ހޯދިގިނަ ކާމިޔާބީތަކުގައި އެންމެއިސް ދައުރެއް އަދާކޮށްފައިވާ ކެޕްޓަން ލިއޮނަލް މެސީ ކުލަބު ދޫކޮށްލުމުގެ ވިސްނުން ގެންގުޅުން މިއީވެސް ލަޕޯޓާއަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ. ސަބަބަކީ ބާސާގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައިގެން ކެމްޕެއިންކުރި ދުވަސްވަރުގައި ލަޕޯޓާ އެންމެ ގިނައިން ދެއްކި ވާހަކަ އަކީ އޭނާ މަގާމަށް އިންތިޚާބުވެއްޖެ ކަމުގައިވާނަމަ މެސީ އެކުލަބުގައި މަޑުކުރުވާނެ ކަމުގެ ވާހަކައެވެ.

ބާސާގެ ރައީސް ކަމުގެ މަގާމާއި ލަޕޯޓާ ހަވާލުވިއިރު އެކުލަބުގެ ކުރީގެ ރައީސް ބާޓޮމެއު ވަނީ މަގާމުގެ ނުޒޫފު ބޭނުންކޮށްގެން ނާޖާއިޒް ފައިދާތަކެއް ހޯދިކަމުގެ ތުހުމަތުގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅިގެން ހައްޔަރުކޮށްފައެވެ.