ދާންމަތީވެފައިތިބި ދޮށީ އުމުރުގެ ހަތަރު ހާހަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުހިންމކަން ފާހަގަކޮށް ދުވަހާއި ގުޅޭގޮތުން ރާއްޖޭގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑު-19 ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތުގައި ހުރި ހުރިހާ ރަށްރަށެއްގެ ދާންމަތީވެފައިތިބި ދޮށީ އުމުރުގެ ހަތަރު ހާހަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ކޮވިޑުގެ މިހާލަތުގައިވެސް މަސައްކަތްކުރީ އެފަދަ މީހުން ހަވާސާނުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި އެ މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑުގެ މިހާލަތުގައި އެންމެ ބޮޑު އަސަރެއްކުރި އެއްބަޔަކީ ކުލި ދައްކައިގެން މާލޭގައި ވަޒަންވެރިވެގެން އުޅުނު އާއިލާތައް ކަމަށާއި އެފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު ޚާއްސަ ފިޔަވަޅުތަކެއް އެޅުނު ކަމަށެވެ.

އެގޮތުން މިއަދު މި އިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަހުލު ޕްރޮގްރާމުގެ ނަމުގައި އަޅުގަނޑުމެން ފެށި އެ ޕްރޮގްރާމުގެ ދަށުން އެނބުރި ރަށަށް ބަދަލުވާން ބޭނުންވި އާއިލާތަކަށް އަޅުގަނޑުމެން އެ ފުރުސަތު ހުޅުވާލާފައިކަން. އަދި މިކަމަށް ބަޖެޓްލިބި އަމަލީގޮތުން މި މަސައްކަތް ވަނީ ފެށިފަ. މި ޕްރޮގްރާމުގެ ދަށުން އަނބުރާ ރަށަށް ބަދަލުވާ އާއިލާތަކުގަ ތިބި އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ އަންހެނުންނަށް އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑް ބެންކު މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭވިފައިވާކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން."
ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ

އަދި މިފަދަ ޚާއްސަ ޕްރޮގްރާމުގެ ސަބަބުން މިންތީގެ ފަރަގުކުޑަވެގެންދާނެ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީލިބޭނެ މަގު ހުއްޓުނު ފަރާތްތަކަށް އަމާޒުކޮށްގެން އިންކަމް ސަޕޯޓު ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ހިންގާ ޚާއްސަ ޕްރޮގްރާމުގެ ދަށުން މާލީ އެހީތެރިކަން މިހާތަނަށް 20 ހާސް ހަތްސަތޭކަ ފަސްދޮޅަސް އަށް މީހަކަށް ވާނީ ފޯރުކޮށްދީފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މީގެ ތެރެއިން އަށްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަތް މީހަަކީ އަންހެނުން ކަމަށާއި މި ތަފާސްހިސާބުތަކުން އެނގުނީ ވަޒީފާގެ ބާޒާރަށް އަންހެނުން ނިކުންނަ ނިސްބަތް މަދުކަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައިވެސް އަންހެނުން ލީޑަރޝިޕަށް އައުމަށް ނުވަތަ ކަންކަން ނިންމާ ފެންވަރުގަ ބަސްބުނުމަށް ހުރި ގޮންޖެހުންތަކަކީ ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް ހުރި ގޮންޖެހުންތަކެއްކަން އެނގިތިބެ އެ ގޮންޖެހުންތައް ބިނާވެފައިވަނީ އިގްތިސާދީގޮތުންނާއި އިޖްތިމާއި ގޮތުން އަންހެނުންނާއި ފިރިހެނުންގެ ދައުރާމެދު ޒަމާނުއްސުރެ މުޖުތަމައުގުތެރޭގައި ހުރި ވިސްނުންތަކާ ސަބަބުތަކަކީ ހުރި ގޮންޖެހުމެއް ކަމަށެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ" ވިމެން އިން ލީޑަރޝިޕް އެޗީވިން އެންޑް އީކުއަލް ފިއުޗަރ އިން އަ ކޮވިޑް-19 ވޯލްޑް" ނުވަތަ އިސްސަފުގައި އަންހެނުން، ކޮވިޑު-19 ގެ ދުނިޔޭގައި ހަމަހަމަ މުސްތަގުބަލެއް ހޯދުމެވެ.