ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އާއިޝަތު ސަމާހު ހަމަޖައްސަވައިފިއެވެ.

ބީއެމްއެލްއިން ބުނީ ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯދާފައި ކަމަށެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުން ކަމަށެވެ.

ބޭންކިންގ އަދި ގާނޫނީ ދާއިރާއިން އޭނާ ހާސިލްކޮށްފައިވާ ތައުލީމާއި ހޯދާވާފައިވާ ތަޖުރިބާއާއެކު ސަމާހުވަނީ ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވަނީ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވާފައެވެ. ސަމާހު ފަދަ ތަޖުރިބާ ހޯދާވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ ލިބޭ ކުރިއެރުމެއް ކަމަށްވެސް ސީއީއޯ ޓިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތައްވެސް ބީއެމްއެލްއިން މިއަދު ވަނީ ހާމަކޮށްފައެެވެ. އެގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑް އެންޑް ޑިޖިޓަލް ބޭންކިންގ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައިވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރގެ މަގާމަށް މަރިޔަމް ޙަމީދު ވަނީ އައްޔަންކުރައްވާފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސަރވިސަސްގެ މަގާމުގައެވެ.