ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަކީ އެއް އާމްދަނީއެއް ލިބިގެން އެއްކަހަލަ ތަނެއް ހޯދަން ބޭނުންވެގެން އުޅޭ ރައްޔިތުންނެއް ނޫން ކަމަށް ހައުސިންޣ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމަަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ސަރުކާރުން ފްލެޓު ދިނުމުގައި ވިސްނުންހުރި ގޮތުގެ ތަފްސީލް މިއަދުގެ މަޖިލީހުގައި ހިއްސާކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަކީ އެއް އާމްދަނީއެއް ލިބިގެން އެއްކަހަލަ ތަނެއް ހޯދަން ބޭނުންވެގެން އުޅޭ ރައްޔިތުންނެއް ނޫން ކަމަށާއި އެހެންނަމަވެސް ސަރުކާރުން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތައް ހުންނާނީ ޖުމްލަގޮތެއްގައި އެއް ތަޢްގަނޑަކަށް ކަމަށެވެ.
އެގޮތުން ފްލެޓުތައް ހުންނާނީ އެއް އަގެއްގަ އެންމެންނަށް ލިބޭ ގޮތަށް ކަމަށާއި ނަމަވެސް މިހާތަނަށް މުޖުތަމައުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ މިންވަރުވެސް ބަލާފައިނެތް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މީހެއްގެ އާންމުކޮށް ދިރިއުޅުމުގެ ހާލަތު ބިނާވެގެންވަނީ އެމީހެއްގެ ތަނަވަސްކަމަށް ކަމަށާއި ގޯތިގެދޮރުގެ އެމީހާ ދިރިއުޅޭ ޖާގައިގެ ތަނަވަސްކަން ބިނާވެގެންވަނީ އެމީހާއަށް ލިބޭ އާމްދަނީއަށް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަދި އެކަން އެގޮތަށް ބަލާއިރު ރާއްޖޭގެ އާބާދީގެ އިތުރަށް މާލޭގެ އާބާދީވެސް ހިމެނޭގޮތަށް ގިންތިކުރެވެނީ ހަތަރު ކެޓަގަރީ އަކަށް ކަމަށާއި އެގޮތުން ފުރަތަމަ ކެޓަގަރީއަކީ ފަގީރުންގެ ގޮތުގައި ބަލާ މީހުން ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.