މީގެ ހަތަރުއަހަރު ކުރިން 2017 ވަނަ އަހަރުގައި ހަމަ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ޕީއެސްޖީ އަތުން ދެވަނަ ލެގުގައި ތަފާތު ދައްކާ، އެތައް ބަޔަކު ހައިރާން ކޮށްލުމަށްފަހު ސްޕެއިންގެ ގަދަބާރު ބާސެލޯނާ އިން ހަލަނޑު ކާމިޔާބުކޮށް ޕީއެސްޖީ ކަޓުވާލި މާޒީ އިއާދަނުކުރެވި ޗެމްޕިއަންސް ލީގުން ބާސާ ކަޓައިފިއެވެ.

2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީން އަމިއްލަ ދަނޑުގައި ބާސާ 0-4 ގެ ނަތީޖާއަކުން ބަލިކޮށްފައި ވަނިކޮށް އެ ބުރުގެ ދެވަނަ ލެގުގައި ބާސާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ، އަމިއްލަ ދަނޑުގައި ޕީއެސްޖީ 1-6 ގެ ނަތީޖާއަކުން ބަލިކޮށް، އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެން ޕީއެސްޖީ މުބާރާތުން ކަޓުވާލާފައެވެ.

މިއަހަރުގެ ސީޒަނުގެ ކުރީކޮޅު ދަށް ނަތީޖާތަކެއް ނެރުންނަމަވެސް ފަހަކަށް އައިސް ބާސާއިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު އެޓީމު މިހާރުއޮތް ފޯމަށް ބަލާ ގިނަބަޔަކު އުންމީދުކުރީ މިފަހަރުވެސް ބާސާ އާއި އެޓީމުގެ އެންމެ ވަރުގަދަ ހަތިޔާރު، ކެޕްޓަން ލިއޮނެލް މެސީ ތަފާތު ދައްކާ މީގެ ހަތަރުއަހަރު ކުރިއެކޭ އެއްގޮތަށް ނަތީޖާއަށް ބޮޑު ބަދަލެއް ގެނެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހޯދާނެ ކަމަށެވެ.

ނަމަވެސް ފުރަތަމަ ލެގުގައި 1-4 އިން އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވި ބާސާ އިން ރޭ ކުޅެވުނު ދެވަނަ ލެގުގައި މޮޅުކުޅުމެއް ދައްކާ މެޗު އެއްވަރުކުރި ނަމަވެސް 2-5 އިން އެގްރިގޭޓުން ކުރިހޯދައިގެން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޕީއެސްޖީންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ މައުރޯ އިކާޑީއަށް ބާސާގެ ކެލްމެންޓް ލޯންގްލޭ ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެހެންނަމަވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް މެޗުގެ ވަރަށް ކުރީކޮޅުން ފެށިގެންވެސް އުފައްދަމުންދިޔަ ބާސާއިންވަނީ އޭގެ 7 މިނެޓުފަހުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ކަނަށް ވައްދާލައިގެން މެސީ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ. މެސީގެ ލަނޑަށް ގިނަ ބައެއްގެ ތައުރީފު ލިބެނު ނަމަވެސް، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި މެސީއަށް ވަނީ ޕެނަލްޓީއަކުން ބާސާއަށް މެޗުގައި ލީޑުނަގައިދިނުމުގެ ފުރުސަތު ލިބިފައެވެ.

އޭރިއާ ތެރެއިން ބާސާގެ އެންޓޮއިން ގްރީޒަމަނަށް ޕީއެސްޖީގެ ލަވިން ކުރްޒާވާ ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ މެސީ ފޮނުވާލި ނަމަވެސް، މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ޕެނަލްޓީ ދިފާއުކޮށްފައެވެ. މިއީ 2015 ވަނަ އަހަރަށްފަހު މެސީ އަތުން ޗެމްޕިއަންސް ލީގުގައި ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ

އެންމެ ފަހުން މި މުބާރާތުގެ ދެވަނަ ބުރުން ބާސާ ކަޓާފައިވަނީ 2006-2007 ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި ރޭގެ މެޗުން ބަލިވެ ބާސާ މުބާރާތުން ކެޓިއިރު އަންގާރަ ދުވަހުގެރޭ ޔުވެންޓަސް ވެސް ވަނީ ޕޯޓޯ އަތުން ބަލިވެ މުބާރާތުން ވަކިވާންޖެހިފައެވެ. އެހެންކަމުން މިއަހަރު ވެގެންދާނީ 16 އަހަރަށްފަހު މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީ ކުޅޭ ޓީމެއް ނެތި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ފެންނާނެ ފުރަތަަމަ ފަހަރެވެ.