ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމަކީ ޤާނޫންއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. މިހައްޤު ޤާނޫން އަސާސީއިން ކަށަވަރުކޮށްދީފައިވަނީ ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން އެކަމަށް ރިއާޔަތްކޮށްފައި ވުމާއިއެކުގައެވެ. އެގޮތުން އިންސާނީ ހައްޤުގެ ބައިނަލްއަޤްވާމީ ޤަރާރުގެ 20 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި މަދަނީ އަދި ސިޔާސީ ހައްޤުގެ ބައިނަލްއަޤްވާމީ މުއާހާދާގެ 21 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤުގެ ހަމަތައް ދިވެހިރާއްޖޭގައި އިންތިޒާމުކުރުން ހިމެނެއެވެ.

މަތީގައި ބަޔާންކުރެވުނު ޤާނޫނުތަކުން މިހައްޤުތައް މުތުލަޤަށް ޔަޤީންކޮށްދިނުމަކީ އެ ޤާނޫނުތަކުގެ ދަށުން ވަޟުއީ ޤާނޫނެއް ވުޖޫދަށް ނުގެނެވޭނެ ސަބަބެއް ނޫނެވެ. މިކަންކަމަށް ރިޢާޔަތްކޮށް 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 25 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުން މަޖުލީހުގެ 3 ވަނަ ދައުރުގެ 38 ވަނަ ޖަލްސާއިން ''ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު'' ގެ ނަމުގައި ބިލެއް ފާސްކޮށް ޤާނޫން އަސާސީގެ 92 ވަނަ މާއްދާގެ ދަށުން، 10 ޖަނަވަރީ 2013 (28 ޞަފަރު 1434ހ) ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިޔާ އެބިލު ތަސްދީޤްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާއިއުކޮށްފައިވާކަން ފާހަގަކުރަމެވެ.

މިޤާނޫނުގައި އެއްވުމުގެ ވައްތަރުތަކާއި، އެއްވުން ހުއްދަކުރާ ތަންތަނާއި އެއްނުވެވޭނެ ތަންތަން ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ. އަދި ތަންފީޒީ ބާރު ދީފައިވަނީ ދިވެހި ފުލުހުނަށްކަމާއި، ފުލުހުންނަށް ނުކުރެވޭނެ ކަންކަމާއި، ކުރެވޭނެ ކަންކަމާއި އެއްވުން ހަނިކުރުމާއި، އެއްވުމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންވެގެންވާކަމަށް ދެކެމެވެ.

ކޮންމެ ޤާނޫނެއްގައިވެސް އެޤާނޫނެއް ނިސްބަތްވާ ބައެއްގެ ހައްޤުތަކެއް އަދި އަދާކުރަންޖެހޭ ވާޖިބުތަކެއް ކަނޑައަޅާފައި އޮންނަ ފަދައިން މިޤާނޫންގައިވެސް އެއްވުމުގެ ބައިވެރިންގެ ހައްޤުތަކެއް އެޤާނޫންގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެބައިމީހުންގެ ޒިންމާ ނުވަތަ ވާޖިބުތަކެއް އެޤާނޫންގެ 21 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ. އަދި އެއްވުމުގެ ހައްޤުތައް ވަރަށް ފުރިހަމައަށް ލިބިދީފައިވާ ޤާނޫނެއްގެ ގޮތުގައި މިޤާނޫނަށް އަމަލުކުރަމުން އައިސްފައިވާކަން ފާހަގަކުރަމެވެ.

މިޤާނޫންގައި އެއްވުން މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު، އެއްވުމަކީ، އެކަކަށްވުރެ ގިނަ މީހުން އެއް މަޤްސަދެއްގައި، ގަސްތުގައި، އާންމުތަނަކަށް، ނުވަތަ އަމިއްލަ ތަނަކަށް، ވަގުތީ ގޮތުން ހާޒިރުވެ ނުވަތަ ޖަމާވެތިބެ، ސުލްހަވެރިކަމާއިއެކު، ޝުއޫރު ފާޅުކުރުންކަމަށް ބުނެފައިވެއެވެ.

މިޤާނޫނަށް އަމަލުކުރަމުން ދަނިކޮށް، 2016 އޯގަސްޓް 17 ވަނަ ދުވަހު އޮތް ރައްޔިތުން މަޖުލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ''ސުލްހަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު'' ގެ ނަމުގައި އިސްލާހެއް ފާސްކުރެވުނެވެ. އަދި ޤާނޫން އަސާސީގެ އިމުގެ ތެރެއިން 23 އޯގަސްޓް 2016 (20 ޛުލްޤަޢިދާ 1437ހ) ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މިޤާނޫން ތަސްދީޤްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާއިއުކޮށް އަމަލުކުރަން ފަށާފައިވާކަންވެސް ފާހަގަކުރަމެވެ.

ބަޔާންވެގެންވާ ޤާނޫން ވުޖޫދަށް އައުމުން މަތީގައި ބަޔާންވެގެންވާ ޤާނޫންގައި އޮތް މުތުލަޤު ހައްޤުތަކަށް ހަނިކަމެއް އައިސްފައިވެއެވެ.

މިޤާނޫނުގައި ބަޔާންވެގެންވާ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިންދޭ ހުއްދަ ލިޔުމުން ލިބުމެއްނެތި މާލޭ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް، އުޅަނދުބުރެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި މިޤާނޫނަށް އަމަލުކުރަންފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެއްވެވޭނެކަމަށް، މިނިސްޓްރީން އާންމުކޮށް އިއުލާންކުރާ ތަންތަނުގެ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓްސްގައި ޝާއިޢުކުރަންވާނެކަމަށް ލިޔެވިފައިވެއެވެ.

ބަޔާންވެގެންވާ އުސޫލުތައް ޤާނޫނަކުން މައުޖޫދުވެގެން އައުމާއި ގުޅިގެން 2016 އޮގަސްޓް 31 ވަނަ ދުވަހު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި، ފުލުހުންގެ ހުއްދަ ލިޔުމުން ލިބުމެއްނެތި މާލޭ ސަރަހައްދުގައި އެއްވުމެއް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުފައިކަމަށް ބަޔާންކުރިއެވެ. އަދި މިއިއުލާނަށް ބާރުދީ 2010 ޖުލައި 14 ވަނަ ދުވަހުވެސް މިނިސްޓްރީއިން އިއުލާނެއް (10-MP/10/2020/36(IUL ކޮށްފައިވާކަން ފާހަގަކުރަމެވެ.

މަތީގައި ބަޔާންވެގެންވާ ކަންކަމަށް ރިއާޔަތްކޮށް މާލޭ ހިމެނޭ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް، އުޅަނދުބުރެއް ބޭއްވޭނީ ފުލުހުންގެ ހުއްދަ ލިޔުމުން ލިބުމެއްނެތި ހެންވޭރު ކާނިވާ ހިމެނޭ ސަރަހައްދުގައި އެކަންޏެވެ. އެނޫން ތަނެއްގައި އެއްވުމެއް، ހިނގާލުމެއް، އުޅަނދުބުރެއް ބާއްވާނަމަ އެކަންކުރުމަށް ފުލުހުން ދީފައިވާ ހުއްދަ ލިޔުމުން ނުދެއްކިއްޖެނަމަ އެ އެއްވުމެއް، ހިނގާލުމެއް، އުޅަނދުބުރެއް ވެގެންދާނީ ޤާނޫނާއި ހިލާފު ކަމެއްގެ ގޮތުގައެވެ. އެހާލަތުގައި ބަޔާންވެގެންވާ ޤާނޫނުގައި ފުލުހުންނަށް ދީފައިވާ ބާރާއި އިހުތިޔާރު ބޭނުންކޮށްގެން އެކަމެއް ޤާނޫނީ އިމަށް ގެނައުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

މީގެ އިތުރުން މިއަދުގެ ހާލަތުގައި މިޤާނޫންގެ އިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫން (ޤާނޫން ނަންބަރު 7/2012) ގައި ބަޔާންވެގެންވާ ހަމަތައް ތަތުބީޤްކުރުމަކީ ވެސް ތަންފީޒީ ބާރެއްގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. އެހެންކަމުން މިއަދުގެ ހާލަތުގައި، ބަޔާންވެގެންވާ ޤާނޫނީ ހަމަ ތަރުތީބުކުރާއިރު، ހެންވޭރު ކާނިވާ ސަރަހައްދަށްވެސް 5 މީހުނަށްވުރެ ގިނައިން އެއްވުން ޤާނޫން ހުއްދައެއް ނުކުރެއެވެ. އެއީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކު ހެލްތު އެކަމަށް ނަޒަރުކޮށް ނެރެފައިވާ އާންމު އިއުލާންގެ ދަށުންނެވެ.

ބަޔާންވެގެންވާ ޤާނޫންތަކުން އަސާސީ ހައްޤު ހަނިކުރަނީ މިނިވަން ދިމިޤްރާތީ މުޖުތަމު ތަކުގައިވެސް މިއަދު މިކަން މިހެން ކުރަމުން އަންނާތީކަމަށް ދެކެމެވެ. އެގޮތުން އިނގިރޭސިވިލާތާއި، އެމެރިކާއާއި، އިންޑިޔާއާއި ފަރަންސޭސިވިލާތްފަދަ ތަންތަނުގައި މި ހަމައަށް ރުޖޫއަވެފައިވާކަން ފާހަގަކުރެމެވެ. މިއީ ޤާނޫނީ އިންތަކާއި ހަވާސާއާއި ހަރިންމައެވެ. މިއިންތައް ފަހަނައަޅާ ދިޔުމަކީ ޤާނޫނެއް ރޫޅާލުމެވެ.